އެޗްޑީސީ

ހިޔާ އެއްބަސްވުންތަކުގައި ސޮއިކުރުން އަނެއްކާވެސް މެދުކަނޑާލައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން އަނެއްކާވެސް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލާފައި ވަނީ އެ މަސައްކަތްކުގައި އުޅުނު މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުން ވަނީ ކެންސަލް ކޮށްފަ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީހު އެޗްޕީއޭ އާއި އެކީ މަޝްވަރާކުރުމަށް ފަހު އިއުލާނު ކުރާނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ. އެ ކޯޕަރޭޝަނުން މިއަދު ސޮއިކުރަން ތާވަލުކޮށްފައި ވަނީ އެޗް11 ޓަވަރުން ފްލެޓް ލިބުނު މީހުންނާ އެކީ އެވެ.

އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑި ވެސް ހަވާލުކުރެ އެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުނާއި އެމީހުން ދާންޖެހޭ ވަގުތު ކުރިން އިއުލާނު ކުރެ އެވެ. އެއްބަސްވުންތަކުގައި ސޮއި ކުރަން ހާޒިރުވާ މީހާ ސޮއި ކުރަންދާއިރު ހެކިވެރިޔަކަށް އިތުރު މީހަކު ގެންދަން ޖެހެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހެ އެވެ.

އެޗްޑީސީން ހިޔާގެ 6720 ފްލެޓު ހަވާލު ކުރާއިރު ފައިބާ ކޭބަލް އާއި އޮޕްޓިކަލް ނެޓްވޯކް ޑިވައިސް އިންސްޓޯލްކޮށްފައި ހުންނާނެ އެވެ. ހިޔާ މަޝްރޫގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.