ހުށަހެޅި މައްސަލަތަކުގެ ތެރެއިން 19 މައްސަލައެއް ބަލަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފި އެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި އުފެއްދި އެ އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. އަދި އެ ފުރުސަތު މިމަހުގެ 13 އަށް ހަމަވާއިރު މިހާތަނަށް 84 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ ޑިރެކްޓާ ޖެނަރަލް އަހްމަދު ޔާމީން ވިދާޅުވީ އެ އޮފީހަށް އެންމެ ގިނައިން ހުށަހެޅީ މަދަނީ މައްސަލަަތައް ކަމަށާއި އޭގެ ތެރޭގައި 78 މައްސަލަ ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން 19 މައްސަލައެއްގެ ތަހުގީގު ފަށަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންތިގާލީ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ގިނަ އަދަދަކަށް ރަށްރަށުން ފޮނުވާފައިވާ މައްސަލަަތައް ހިމެނޭ އިރު އެފަދަ މައްސަލަތަކުގައި ހޯދަން ޖެހޭ ހެއްކާއި ބަޔާން ނެގުމަށް އެ ރަށްތަކަށް އެ އޮފީހުގެ ޓީމުން ގޮސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ޔާމީން ދެއްވި އެވެ. ހަމަ އެހެންމެ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ މައްސަލަތަކުގައި އެ ގައުމަށް ދަތުރުކޮށްގެން މައްސަލައާއި ގުޅުންހުރި ކަންކަން ބަލާނެ ކަމަށެވެ.
އިންތިގާލީ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަވާ ޗީފް އޮމްޕަޑްސްޕާސަން އަބްދުއް ސަލާމް އާރިފް މީގެ ކުރިން އަވަސް ވިދާޅުވީ އިންސާފު ހޯދަން އެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ބަލައި ކުރިއަށް ގެންދިއުމާ މެދު 15 ދުވަސް ތެރޭ ގޮތެއް ނިންމަވާނެ ކަމަށެވެ.
އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެސް ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަން އުފައްދަވާފަ އެވެ. ނަމަވެސް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުގެ މަސައްކަތުން އިންސާފު ނުލިބޭތީ އާންމުންގެ ފާޑުކިޔުން ބޮޑެވެ.