ޓީޓީ

އިންޓަނޭޝަނަލް ޓީޓީ ދެ މުބާރާތެއް ފަސްކޮށްފި

ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓޭބަލް ޓެނިސްގެ އިންޓަނޭޝަނަލް ދެ މުބާރާތެއް މިއަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނެފި އެވެ.

ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު (އައްޔަ) އަވަސް އަށް ވިދާޅުވީ މިއަންނަ އަހަރަށް ފަސްކޮށްފައި ވަނީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕާއި ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތް ކަމަށެވެ.

އައްޔަ ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅަށް ކުރިން ތާވަލުކޮށްފައި އޮތް ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް ފަސްކުރަން ޖެހުނީ އޭޝިއަން ޗެމްޕިއަންޝިޕް ސެޕްޓެމްބަރު މަހުގެ ފަހުކޮޅަށް ބަދަލުކުރުމާއި ގުޅިގެން ކަމަށެވެ. އޭޝިއާގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ ތެރެއިން 19 ގައުމެއް ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައި ވާނެ އެވެ. އެހެންކަމުން އޭޝިއާގެ މުބާރާތަކީ ވަރަށް މުހިންމު މުބާރާތަކަށް ވާނެތީ ރާއްޖޭގައި ބާއްވަން އޮތް ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް ފަސްކުރީ އެވެ.

"ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް ފަސްކުރުމަކުން ގެއްލުމެއް ނެތް. ސަބަބަކީ އެ މުބާރާތުން އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕަށް ކުޅުންތެރިން ކޮލިފައި ވާނެ. އޭޝިއާގެ މުބާރާތް އޮތީ އަންނަ އަހަރު. އެހެންވެ މިއަންނަ އަހަރަށް މިމުބާރާތް ފަސްކޮށްގެން ގެއްލުމެއް ނެތް" އައްޔަ ވިދާޅުވި އެވެ.

ޓީޓީގައި ރާއްޖޭގެ އެންމެ މުހިއްމު ދެ ކުޅުންތެރިންނަކީ ރަފާ އާއި ދީމާ އެވެ. މިއަހަރުގެ އޮކްޓޫބަރު މަހަށް މުބާރާތް ފަސްކޮށްފިނަމަ ރަފާއަށް މުބާރާތުގައި ބައިވެރި ނުވެވޭނެ އެވެ. އެއީ ރަފާގެ އޭލެވެލް އިމްތިހާނު އޮކްޓޫބަރު މަހުގެ 10 ގައި ފެށޭނެތީ އެވެ. ނަމަވެސް މިއަންނަ އަހަރަށް މުބާރާތް ފަަސްކޮށްފިނަމަ ރަފާއަށް މުބާރާތުގައި ބައިވެރި ވެވޭނެ އެވެ. އެހެން ކަމުން މިއަންނަ އަހަރަށް މުބާރާތް ފަސްކޮށްގެން ރާއްޖެއަށް ލިބެން އޮތީ އިތުރު ފައިދާ އެކެވެ.

އައްޔަ އިތުރަށް ވިދާޅުވީ މިއަންނަ އަހަރު މުބާރާތް ބޭއްވޭނެ ކަމަށް ބެލެވެނީ ފެބްރުއަރީ ނުވަތަ މާޗު މަހުގައި ކަމަށެވެ. މުބާރާތުގެ ތާރީހުތައް ފައިނަލްވީ އެންމެ އަވަހަކަށް ތާރީހުތައް އިއުލާން ކުރާނެ ކަމުގައިވެސް އައްޔަ ވަނީ ވިދާޅުވި އެވެ.