ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމަށް އެހީތެރިވާ އޮފިސަރުން ދެނެގަތުމާއި މަނާ ތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޖަލު ބެލެހެއްޓުން ވަރުގަދަކުރައްވަމުން ގެންދަވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
ޖަލުތަކަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވައްދާ މައްސަލައަކީ އަބަދުވެސް އޮންނަ މައްސަލަ އެކެވެ.
އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު ވިދާޅުވީ އެފަދަ ތަކެތި ޖަލުތަކަށް އެތެރެކުރާ އޮފިސަރުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެއްޗެތި އެތެރެކުރަން ގައިދީންނަށް އެހީވެދޭ ކަމަށް ޝައްކުކުރެވޭ އޮފިސަރުންގެ މައްސަލަތައް ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އިދާރީ އެކިއެކި މައްސަލަތަކުގައި މިދިޔަ އަހަރުގެ ނިޔަލަށް 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ސީދާ ޖަލަށް ފޯނާ މަސްތުވާތަކެތި ވައްދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަންތަކަކަށް ފަހު ވަޒީފާ އިން ވަކިކުރި އޮފިސަރުންނެވެ.
"ދުނިޔޭގެ އެއްވެސް ޖަލެއް ނެތް އެއްވެސް އެއްޗެއް ނުވަންނަ ގޮތަށް ހުރި ޖަލެއް. ހައި ސެކިއުރިޓީ ޖަލުތަކަށްވެސް އެއްޗެހި ވައްދާ. އެކަމަކު އޭގެ މާނައެއް ނޫން އަޅުގަނޑުމެންގެ ޖަލަށް އެއްޗެހި ވެއްދޭނެއެކޭ. އަޅުގަނޑުމެން މިދަނީ ސެކިއުރިޓީ ގޮތުން ވެސް ކުރަންޖެހޭ ކަންކަން ހަރުދަނާ ކުރަމުން. ނަމަވެސް ގިނަ ގޮންޖެހުން އެބަހުރި އާންމު މުޖުތަމައު ތެރޭގައި ޖަލު އޮޕަރޭޓް ކުރަން ޖެހޭތީ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުގެ ކަންކަން އިންތިޒާމް ކުރަން ޖެހިފައި އޮތް ގޮތުން ޖަލުތައް ބަލަހައްޓަން ޖެހެނީ މީހުން ދިރިއުޅޭ ރަށްރަށުގައި ކަމަށެވެ. އޭގެ ސަބަބުން ޖަލުތަކަށް އެއްޗެތި ވެއްދުމުގެ ކަންކަން ހުއްޓުވުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެ އެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައި މިވާ ގޮތަކީ އެރަށުގައި ދިރިއުޅޭ މީހުންނަށް އެބައާދެވޭ ޖަލާ ވަރަށް ކައިރިއަށް. ޖަލުގެ ވަށާފާރާ ހިސާބަށް ވެސް އެބައާދެވޭ،" ދިމާވާ ބައެއް މައްސަލަތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ވަރަށް ފަހުން ވަނީ މާފުށީ ޖަލުގައި ބައުންޑްރީ ބޯޑަރެއް ވެސް ގާއިމްކޮށްފަ އެވެ. އެތަނަށް މިހާރު ވަދެވޭނީ ސެކިއުރިޓީ ގޭޓަކުންނެވެ. ހަަމައެގޮތަށް ހިންމަފުށީ ޖަލުގައި ވެސް ބައުންޑްރީ ބޯޑަރެއް ހެދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެ މަސައްކަތާއި އެކު ހިންމަފުށީ ޖަލުގެ ސަލާމާތީ ކަންކަން ވެސް އިތުރަށް ވަރުގަދަވެގެން ދާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވަ އެވެ.
ޕްރިޒަން ކޮމިޝަނަރު ވިދާޅުވީ އާންމު އުސޫލުން ކަންކުރާ ގޮތަށް ކޮންމެ މީހަކުވެސް ޖަލުތަކަށް ވަދެނިކުންނައިރު ޗެކު ކުރާނެ ކަމަށެވެ. އޮންނަ ނިޒާމްގެ ތެރެއިން އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖަލުތަކަށް އެއްޗެތި ވެއްދުން ހުއްޓުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ޖަލުތަކުގައި ތިބެ ޖަލުން ބޭރު މީހުންނާ މުއާމަލާތްކޮށް ބޮޑެތި ޖަރީމާތައް ވެސް ބައެއް ގައިދީން ހިންގާފައި އެބަހުއްޓެވެ. އަދި ޖަލުގައި ތިބެގެން މަކަރާއި ހީލަތުން އެކި މުއައްސަސާތަކުގެ ނަންނަމުގައި މީހުންނަށް ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. ޖަލަށް އެއްޗެތި ވައްދާ ގޮތަށް ބަލާއިރު އާއިލާއިން ފޮނުވާ އަންނައުނު އެއްޗެތީގައި ފޮރުވައިގެން އެފަދަ ތަކެތި ވައްދަ އެވެ. އަދި ޖަލު އޮފިސަރުންނާ ގުޅިގެން ވެސް ތަކެތި ވައްދަ އެވެ.