ރާއްޖޭގެ ޖަލުތަކުގެ ޖާގައާއި ނުބައްދަލުވާ ވަރަށް ޖަލުގެ އާބާދީ އިތުރުވަމުންދާތީ އެ މައްސަލަ އަށް ހައްލުތަކެއް ހޯދަންޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
އަވަސް އަށް ދެއްވި އިންޓަވިއުގައި ޖަލުތަކާ ގުޅޭ ގޮތުން ސީޕީ ވިދާޅުވީ ޖަލުތަކުގެ އާބާދީ އަންނަނީ އެތަނުގައި ހުރި ވަސީލަތްތަކާ ނުބައްދަލުވާ ވަރަށް އިތުރުވަމުން ކަމަށެވެ.
އެގޮތުން ސީޕީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ޖަލުތަކުގައި ހިދުމަތް ދޭން ތިބި މީހުންނަށް ވުރެ ގިނަ މީހުން ގައިދީންގެ ގޮތުގައި ބަލަންޖެހި ހިދުމަތް ދޭން ބޭނުންވާ ފެންވަރުގައި ހިދުމަތް ދިނުމަށް ދަތިވުމެވެ.
"ކޮންމެ އަހަރުކު ބަޖެޓް ލިބެނީ އެއިރެއްގައި ޖަލުގައި އޮންނަ އާބާދީގެ ނިސްބަތަށް ބަލާފައި. އެކަމަކު އަންދާޒާ ކުރާ އަދަދަށް ވުރެ ކޮންމެ އަހަރަކު ގައިދީންގެ އާބާދީ މިދަނީ އިތުރުވަމުން،" ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ޒަމާނީ ފެންވަރަށް ހަދާފައިވާ ރަނގަޅު ފެންވަރުގެ ޖަލު ތަކެއް ވެސް ނެތް ކަމަށެވެ. އަދި ޖަލުގައި ކުރިއަށް ގެންދަން ޖެހޭ ތަފާތު ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ މީހުން ކަރެކްޝަނަލް ސާވިސްގައި އެކަށީގެންވާ އަދަދަކަށް ނެތުމަކީ ވެސް ސީޕީގެ ކަންބޮޑުވުމެކެވެ. އާންމުކޮށް ރަށެއްގައި މީހަކަށް ދޭންޖެހޭ ހުރިހާ އަސާސީ ހިދުމަތެއް ޖަލުތަކުގައި ވެސް ފޯރުކޮށްދެމުންދާ ކަމަށާއި ނަމަވެސް އެކަންކަން ފެސިލިޓޭޓް ކުރުމުގެ ރަނގަޅު އިންތިޒާމްތައް ޖަލުތަކުގައި ހަމަޖެހިފައި ނެތް ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑުމެންނަށް ކޮވިޑްގެ ހާލަތު ލައްވާލިއިރުގައި ޖަލުގައި ނެތް އޮންލައިންކޮށް ކޯޓުތަކަށް ކަނެކްޓް ކުރެވޭނެ ގޮތެއް. އެފަދަ ނިޒާމެއް ނެތް. އަޅުގަނޑުމެން ވަގުތީ ނިޒާމުތަކެއް ހަމަޖައްސައިގެން އެކަން ކުރީ. މިހާރު އެކަމަކު ޕްލޭންތަކެއް ހެދިގެން އެކަމާ ދިމާލަށް މިސްރާބު ޖެހިފައި އެހުރީ،" އަހުމަދު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ޖަލުގައި ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގަން ކަރެކްޝަނަލް ސާވިސްގައި އެކަށީގެންވާ އަދަދަށް ފަންނީ މީހުން ނެތުމުން އެފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންދަންޖެހެނީ ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އިދާރާތަކުން ބޭފުޅުން ގެނެސްގެން ކަމަށެވެ. އެގޮތަށް ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގައި ވެސް ދިމާވާ އެތައް މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.
ޖަލުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ހުރިހާ މައްސަލަތަކަކަށް ހައްލު ނުލިބުނު ނަމަވެސް ކޮންމެހެން ހައްލުހޯދަން ޖެހޭ މުހިއްމު މައްސަލަތަކުގައި ހައްލުތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.