ހަބަރު

އަދީބު މާލެ ނުގެނެސް އެކްސް ރޭ މެޝިން ދޫނިދޫއަށް

ރައީސް އަވަހާރަށް ކޮއްލަން މަސައްކަތްކޮށް ގައުމަށް ގައްދާރުވީ ކަމުގެ ތުހުމަތުގައި ދޫނިދޫގައި ބަނދުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޑޮކްޓަރުގެ ލަފަޔަށް ސްކޭނެއް ހައްދަން ޖެހުމުން މާލެ ނުގެންގޮސް އެކްސް ރޭ މެޝިނެއް ދޫނިދޫއަށް ގެންގޮއްސި އެވެ.

އަދީބުގެ ގާނޫނީ ވަކީލް ހުސެން ޝަމީމް ކުރެއްވި ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ މިދިޔަ ހަފްތާގައި ޑޮކްޓަރުންގެ ލަފާގެ މަތިން އެކްސްރޭ މެޝިނެއް ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށާއި ފުލުހުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު ކުރާ ކަމަށެވެ.

ފުލުހުން ވަނީ ޑޮކްޓަރުގެ ލަފަޔާއެކު އެކްސްރޭ މެޝޝިނެއް ދޫނިދޫއަށް ގެންގޮސްފައިވާ ކަން ކަށަވަރުކޮށްދީ ފައެވެ. ނަމަވެސް އަދީބުގެ އެކްސްރޭ ހައްދަން ޖެހުނީ ކީވެގެން ކަމެއް ސާފެއް ނުވި އެވެ.

އެކްސްރޭ ނަގަން އަދީބު މާލެ ނުގެނެސް ދޫނިދޫގައި އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ އިރު މިހާތަނަށް އަދީބުގެ ބަންދާއި މެދު ގޮތެއް ނިންމާފައިވެސް ވަނީ ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށްގެނެވެ. އެހެން ނަމަވެސް 13 އަހަރަށް ޓެރަރިސަމްގެ ކުށުގެ ދައުވާގައި ބަނދުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކާނަލް ނާޒިމް ވެސް ޑޮކްޓަރުގެ ލަފަޔަށް އެކި ފަހަރު މަތިން މާލެ ގެނެސްފައި ވެއެވެ.