ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒިފަކު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ނިސްބަތް ކުރައްވާ "ލޮލީ ޖާބިރު" ވިދާޅުވި ކަމަށް ޖާބިރު ކުރައްވާ ތުހުމަތު މަޖިލީސް އިދާރާއިން ދޮގުކޮށްފި އެވެ.
ޖާބިރު މިއަދު ވިދާޅުވީ އިއްޔެ މަޖިލީސް އިދާރާއަށް ވަޑައިގަތުމުން މަޖިލީހުގެ މުވައްޒިފަކު އޭނާއަށް ނިސްބަތްކޮށް "ލޮލީ ޖާބިރު" އޭ ވިދާޅުވި ކަމަށެވެ. އެހެން ވިދާޅުވީ އިދާރީ މުވައްޒިފެއް ކަމަށް ވިދާޅުވެ އެ ނަމުން މުހާތަބު ނުކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އެ ނަން ބޭނުންކޮށް އޭނާއަށް މުހާތަބުކުރި މުވައްޒިފަށް ދުވަހަކުވެސް މާފު ނުކުރައްވާނެ އެވެ.
އެކަމާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ދެންމެ ބުނީ އިދާރީ އެއްވެސް މުވައްޒިފަކު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށެވެ.
މި ހިނގާ 19 ވަނަ މަޖިލީހުގައި އެންމެ ތަފާތު މެންބަރަކީ ޖާބިރެވެ. ޖާބިރު މަޖިލީހަށް ވަޑައިގަންނަވާއިރު ގެންގުޅުއްވާ ޑްރެސްކޯޑާއި މަޖިލީހުގައި ދައްކަވާ ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެވެ. ބައެއް ދުވަސް ދުވަހު ވަރަށް ހުތުރު ބަހުންވެސް ވާހަކަ ދައްކަވައެވެ. އަދި އެކި ބޭފުޅުންނަށް އަމާޒުކޮށް ވާހަކަ ދައްކަވާ އެ އޯޑިއޯތައްވެސް ޖާބިރު ގެންދެވީ އާންމު ކުރައްވަމުންނެވެ. ސިޔާސީ އެތައް ބޭފުޅުންނެއް އޭނާގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތައް ކުރައްވައެވެ. އަދި ބައެއް ބޭފުޅުންގެ މައްސަލަތައް ފުލުހަށްވެސް ހުށައަޅާފައިވެއެވެ.
މަޖިލީސް ޗުއްޓީގައިވަނިކޮށް ޖާބިރު މިއަދު ވަނީ މަޖިލީސް ކުރާ ގޭގެ ގޭޓް ކައިރީގަައި އިހުތިޖާޖު ކުރައްވާފައެވެ. އޮށޯވެއޮންނަވައިގެން އަޑުގަދަ ކުރައްވާ ވާހަކަ ދެއްކެވިއެވެ. ބައެއް ފަހަރު އަތުގައި ގެންގުޅުއްވާ ފެންފުޅީން ބޮލަށް ފެންވެސް އަޅުއްވައެވެ. ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރުއާ ވާހަކަ ދެއްކެވުމަށް މަސައްކަތް ކުރައްވާފައެވެ. އަދި ވަޑައިގެންނެވުމަށް ދެންނެވުމުން ދެކޮޅު ހައްދަވާ އަޑުގަދަ ކުރެއްވިއެވެ.