ވާހަކަ

ގެއްލިދާކަށް ނޭދެން

(މިދިޔަ ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ)

އެހެން ރަނގަޅަށް ނުބުނެ ވެނީސް ޔަނާލު އޭނަގެ ފޯނު ނަމްބަރު ސަދަފްގެ ފޮތުގައި ލިޔެލަދިނެވެ. ސަދަފް ރަކި ހިނިތުން ވުމަކާ އެކު "ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭ ބުނެލިއެވެ.

ޔަނާލުއާއި ސަދަފްއަކީ މިހާރު ދެ އެކުވެރިންނެވެ. އެކަކު އަނެކަކު ނިމެންދެން މަޑު ކުރުމާއި، އެއްބަހެއްގައި ދެމީހުން ދަތުރު ކުރުމަކީ އާއްމު ކަމަކަށް ވާން ފަށައިފިއެވެ. މިގުޅުން ތަކުގެ ތެރެއިން ސަދަފްއާއި ޔަނާލުގެ ލޯބި ކުރިލައި ހެދެމުން ދިޔައެވެ. އެގުޅުން ތަކުން ފެންލިބި ހެދެމުންދާ ބަގީޗާގައި ފަރިވަމުން ދަނީ ލޯބީގެ ތާޒާ މާ ކަމަށް ޔަނާލުއަށް ޤަބޫލު ކުރަން ދަތިވިއެވެ. ގިނަދުވަސް ވީ ވަރަކަށް ދެމިހުންގެ ދެމެދުގައި ގާތްކަމެއް ވާކަން ދެމީހުނަށް ވެސް އިހުސާސް ކުރެވެމުން ދިޔައެވެ. ނަމަވެސް އެގުޅުމަށް "ލޯބި"ގެ ނަން ދޭން ވަނީ ނުކެރިފައެވެ.

އިސްނަގާނެ ފަރާތެއް ނުވީއެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް އެދެއެވެ. އިންތިހާ ލޯބި ވެއެވެ. އެކަކަށް އަނެކަކު ނުފެނި އެންމެ ދުވަހެއް ވެސް ހޭދަ ވުމަކީ ހިތަށް ވޭން ލިބޭ ކަމަކަށް ވާން ފަށައިފިއެވެ. މިހުރިހާ ކަމަކަށް ހުރަސް އަޅަމުން ދިޔައީ ދެމީހުންގެ ވެސް މިޒާޖުގައިވާ ލަދުރަކި ކަމެވެ. ފަރުދާގެ ފުރަގަހުގައި ފިލާ ތިބެގެން އެކަކު އަނެކަކުގެ ހާލު ބަލާ ދެހިތުގައި ލޯބި ތަރައްޤީ ކުރަމުން ދިޔައި މުޅި ދުނިޔެއަށް ވެސް ސިއްރުންނެވެ.

ސެޕްޓެމްބަރު އެގާރައަކީ ސަދަފްގެ އަށާރަ ވަނަ އުފަން ދުވަހެވެ. އެކަމުގެ ތައްޔާރީ ތަކުގައި ޔަނާލު ބައިވެރިވީ ހިތުން ރުހުމުންނެވެ. ހިތުގައި އުފަންވެ އާލާވަމުންދާ ލޯބި ފުޅާކުރުމުގެ ނިޔަތުގައެވެ.ހުރިހާ ގޮތަކަން ސަދަފްގެ އެންމެގަތް މީހާގެ މަޤާމް ބެނުން ވާތީއެވެ. ހުރިހާ އްޔާރީއެއް އެއްކޮށް ނިންމާލުމަށް ފަހު ޔަނާލު ގެއަށްއައީ ފެންވަރާ ރީތި ވެލުމަށެވެ.

ގެއަށް ވަންނަން ދިޔައިރު ލަންކާގެ ޕޮލިސް ޖިޕެއް ގޭދޮރު މަތީގައި މަޑު ކޮށްފައި އޮތެވެ. އެތައް ސުވާލެއް ހިތުގައި އުފެދުނެވެ. ވުމާއެކު އަވަސް އަވަހަށް ގެއަށް ވަންނަން ދިޔައެވެ. ފެނުނު މަންޒަރާ މެދު ޔަނާލު މާބޮޑަކަށް ހައިރާނެއް ނުވެއެވެ. އެއި ކޮންމެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެ ދުވަހެއްކަން ޔަނާލު ދަނެއެވެ. ޕޮލިހުންގެ ބެލުމުގެ ދަށަށް އެއްބަނޑު އެއްބަފާ ދައްތަ ދާންޖެހޭ ކަމަށް ޚުދު ޔަނާލު ވެސް ގަބޫލު ކުރެއެވެ. އެހެން ނަމަވެސް ލޭގެ މަތިވެރި ގުޅުމުން ޔަނާލަށް އަސަރު ކުރަމުން ދިޔައެވެ. ބިޑި އަޅުވައިގެން ގޭން ނެރެ ނެރެހުރި ދައްތަ ޔަނާލުގެ އަތުގައި ހިފަން ބޭނުންވިއެވެ. އެހެން ނަމަވެސް މިހާރު ދައްތަ އެ ހުރީ ޔަނާލުގެ ހިމާޔަތަށް ވުރެ މާދުރުގައެވެ. ނަޞޭހަތުގެ ގޮތުން ޔަނާލު ދެއްކި އެއްވެސް ވާހަކައެއް، މީގެ ކުރިން ދައްތަ ވަނީ ޤަބޫލު ނުކޮށްފައެވެ. ދައްތަގެ ރުއިމާ މަންމަގެ ރުއީން އެކުވެފައި ވެއެވެ.

އެމަންޒަރު ފެނުމާއެކު ޔަނާލުގެ ހިތް ހަމްދަރުދީން ފުރުނެވެ. މަންމަ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ޔަނާލު ވަރަށް އަދަބު އިޙްތިރާމާއެކު އެބޭފުޅުން ގާތު ވީ ކީއްތޯ ސުވާލު ކުރިއެވެ. އެބޭފުޅުން ގެ ޖަވާބަކަށްވީ ލަންކާގައި ހަރަކާތް ތެރިވާ ޑްރަގު ސުމަގުލު ކުރާ ގޭންގެއްގައި ދައްތަ ބައިވެރިވާކަމެވެ. އަދި ލަންކާއަށް ބޭސްފަރުވާ އަށް އަންނަ މީހުންގެ އަތުގައި ދިވެހިރާއްޖެއަށް ޑްރަގު ފޮނުވާ ނެޓްވޯރކެއްގައި އިސްކޮން ހަރަކާތް ތެރިވާ އެއްފަރާތަކީ ދައްތަކަމަށް ވެސް ބުންޏެވެ. އޭރުވެސް ދައްތަ ހުރީ ހަމަޔަކު ނޫނެވެ. އިތުރަށް ޔަނާލު ކުރާނެ ސުވާލެއް ނެތެވެ. ފުން ނޭވަޔަކާ އެކު ޔަނާލު ވަނީ ގެއަށެވެ. އަދި ފޯނު ނެގުމަށް ފަހު ބައްޕަ އަށް ފޯނު ކުރިއެވެ.

އެކޮޅުން ފޯނު ނެގީ ބައްޕަ އެއް ނޫނެވެ. ބައްޕަގެ ފޯނު ނެގީ އަންހެނެވެ. އެ އަޑަކީ ޔަނާލު ކޮންމެސް ތާކުން އަޑު އަހާ އަޑެކެވެ. ފޯނުން އިވުނު އަޑާ ދޭތެރޭ އިތުރު ސުވާލު ހިތުގައި އުފެދުނެވެ. ނަމަވެސް ވަގުތަކީ އެފަދަ ކަމަކަށް ވިސްނަން އެންމެ ރަނގަޅު ވަގުތަށް ނުވާތީ ބައްޕަ ކޮބައިތޯ އާއި ބައްޕަގެ އަތަށް ފޯނު ދިނުމަށް ޔަނާލު އެދުނެވެ. އެކޮޅުން ވަރަށް ރުންކުރު ގޮތަކަށް ބުނީ ބައްޕަ ފާހާނާއިގައި ވީކަމުގައެވެ. ފާހާނައިން ނުކުތުމުން ގުޅާށޭބުނެ ޔަނާލު ފޯނު ކަނޑާލިއެވެ. މަންމަގެ ލޮލުން އޮހޮރި އޮހޮރި ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި މަންމަގެ މުޅި މޫނާ މޭމަތި ތެންމަމުން ދިޔައެވެ. ލޯބިވާ ދަރިފުޅު ލޯމަތިން ގެއްލުމުންނެވެ. ދުނިޔޭން ދަރިފުޅު ގެއްލި ހަލާކު ވީ އިރު އެކަމާ ވިސްނާލަން ފަޅި ސިކުންތެއް ވެސް މަންމައަށް ނުލިބުނަތީ ޔަނާލު މާދެރަވިއެވެ.

ފައިބަމުންދާ ކަރުނައިގައި އެއްވެސް އަގެއް މިއަދު ނެތްކަމަށް ޔަނާލު ދެކުނެވެ. މަންމައަށް ވިސްނައި ދިނުމުގެ ގޮތުން ޔަނާލު ބުންޏެވެ.

"ނުރޮއި، ކުރިކަމެއް ނުކުރާ ކަމަކަށް ނުވާނެ. މީ މަންމަމެން ދިން މިނވަންކަމުގެ ހިތި ނަތީޖާ. އަންހެން ކުދިންނަކީ އިއްފަތް ތެރި ކަމާއެކު އަބުރުވެރި ކަމާއެކު އުޅެން ޖެހޭ ކުދި ބައެއް ކަމެއް މަންމަ އަކަށް ބުނެއެއް ނުދެވުނު. ދަރިންދެކެ ލޯބިން ކަމަށް ހުރީހާ ކަމެއް ފުއްދައި ދިނުމަށް ފައިސާ ހެދުމަކީ ގޯހެއް ކަމެއް ނުވިސްނީމު. ފައިސާގެ އަޅަކަށް އެ ދަރިން ހެދުމަކީ ދުނިޔޭގެ ހަލާކު ކަމެއް މަންމައަކަށް ނޭނގުނު. ވިޔާނުދާ ކަންކަމާއި ދަރިން ދުރުވާނީ އެކުދިންގެ ހިތުގައި ހަރުދާނާ އީމާންތެރި ކަމެއްގެ ބިންގަލެއް އަޅައި ދެވިގެން ކަމާމެދު އެންމެ ފަހަރަކުވެސް މަންމަ ނުވިސްނީމު. މިހުރިހާ ކަމަކަށް މަންމަ ވީ އިހުމާލު. އެ އަޑުތަކަށް ދިނީ ބީރު ކަންފަތެއް. ހަގަށް ތިބި ދެބެން ވެސް ސަލާމަތް ވާނެ ކަމާމެދު ޝައްކު. އަހަރެންނަކީ ކަޓް މީހެއްކަމަށް މަންމަމެން ބުނީމު. އެމީހުންހެން ކުލަބު ތަކަށާއި ސިނަމާތަކަށް ނުދަނީ އަހަރެންގެ ހުންނަ މުސްކުޅި ހިޔާލު ތަކުން ކަމަށް މަންމަމެން ދެކުނީމު. އެންމެ ފަހަރަކު ވެސް މާދަމައެއް އޮތް ކަމަކަށް ނުދެކުނު. ދަރިންގެ މުހުތާދުތައް ފުއްދައިދީ، ޖެހޭ ހުރިހާ ލަފެއް ފިލުވުމުގެ ހަތިޔާރަކަށް ރިޝްވަތު ހެދުމަކީ ކަންތައްތައް ގޯހުން ގޯހަށް ދާނެ ކަމެއް ކަމަކަށް މަންމަ މެންނަކަށް ނޭނގުނު. ދަރިފުޅު ކުށުގެ ވެށީގައި ކަސްތޮޅު އެޅި ހައްޔަރުވެ، ސަލާމްތް ނުވެވޭ ވަރުވުމުން ހާލާމެދު ރޮއި ހިތާމަ ކުރުމަކުން ހާލަތު ބަދަލެއް ނުކުރެވޭނެ. ކުށެއް ކުރާ ހިނދު އެކުށުގެ ވެށިން ދަރިން ސަލާމަތް ކުރުމަށް ފިޔަވަޅު އަޅާމީހުން ވަރުގެ ގޯސްބައެއް ނެތްކަމަށް ދެކެ، ނުރުހުމާ އެކު އަޑު އުފުލުމަކީ އިތުރަށް ކުށްކުރުމަށް ލިބިގެންދާނެ ހިތްވަރު ކަމަކަށް މަންމަމެން ގަބޫލެއް ނުކުރޭ! ކިޔެވުމުގެ ބަހާނާގައި އައިސް މިތަން ތަނުގެ ގާނޫނަށް ނުކެތުމުން އެނބުރި ވަޒަނަށް ދިއުމަށް ފަހު މަގުތަކާއި ގޯޅިތައް ހިޞޯރުކޮށްގެން ހިންގާ ޖަރީމާތައް މާ ނުރައްކާ ވާނެ ކަމާމެދު ވިސްނާ އެކަކުނެތް. ދެފޮތި ލާރި އަތަށް އަރާ އިރަށް ކޮންމެ މީހަކު ވެސް ބޭނުން ވަނީ ދަރިން ގޮވައިގެން ބޭރަށް ދާން. ވަޒަނުން ލިބެން ނެތް މުހިންމު މުހުތާދެއް ފުއްދުމަށް އެހެން މަންޒިލު ތަކަށް ދަރުރު ކުރުމަކީ އޭގެ ޒާތުގައި ގޯހެއްނޫން. ދަރިއެއްގެ މަޤާމުގައި މިއަދު އަހަރެން ހުރެގެން މިމޭރުމުން މަންމަޔާއި މުޚާޠަބު ކުރަން ލަދު ގަނެ. އެހެން ނަމަވެސް ފަސްޖެހުމާ ނުކެރުމުގެ ސަބަބުން އާއިލާ ހަލާކު ވެދާނެތީ މަންމަގެ ކުރިމަތީ ބަސްބުނަށް މަޖުބޫރުވީ" ޔަނާލު އެހެން ބުނުމުން މަންމަ ޔަނާލުއާއި ދިމާލަށް ކުށްވެރިއެއް ފަދައިން ބަލާލިއެވެ.

އެހިނދު އަނެއްކާ ވެސް ޔަނާލު ވާހަކަ ދައްކަން ފެށިއެވެ. "މަންމަ ތިޔަ އުޅޭ ވިޔާ ނުދާ އުޅުން ދޫކޮށްލާ! ލޯބިވާ ފިރިމީހާ ދޫކޮށް އެހެން ފަސްގަނޑެއްގައި ތިޔަހެން އައިސް އިންނަ އިރު އެހެން މީހުންނަށް މަންމަ ކަޅިއަޅާ ބީދައިން ބައްޕަ ވެސް އެހެން އަންހެނުންނަށް ކަޅި އެޅުމަކީ ދުރު ގައިވާ ކަމެއް ނޫން. މަންމައާއި ބައްޕަގެ ދެމެދުގައި ވާ ލޯބި ހީނަރުވެ، އެކަކު އަނެކަކަށް އަޅައި ނުލެވި، އެމީހަކު ހިތަށް އެރި ގޮތަކަށް އުޅުމުގެ ސަބަބުން ފުނޑުފުނޑު ވަމުންދާ އާއިލީ ގުޅުމާ މެދު ވިސްނާލަ ބަލަ! މިފަދަ ދިރިއުޅުން ތަކުން ލިބޭ ނުތަނަވަސް ކަމުގެ ފަރުވާއަކީ ސޯސަލް މީޑިޔާ ކަމަށް ދެކުމަކީ މޮޔަ ވިސްނުމެއް. ފާޑު ފާޑުގެ ނަންނަމުގައި ފޭކު އައިޑީ ތަކުން ޗެޓް ކޮށް ބަރަހާނަ ގޮތް ގޮތަށް ތިމާގެ ފޮޓޯ ނަގާ އާއްމު ކުރާ އިރު ޚުދު މަންމަގެ ދަރިން އެމުޑުދާރު މަންޒަރުތައް ދެކޭނެ ކަމާމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟

މަންމަގެ ނުވަތަ ބައްޕަގެ ފޭކު ލޯބި ވެރިޔާއަކި ތިމާގެ ލޭކަން ފަޅާއަރާ ދުވަހަކުން ދައްކާނީ ކޮން މޫނެއް. ޒަމާނާއެކު ހާލަތު ބަދަލުވެ، ލިބޭ ކުރިއެރުން ތަކާ، އެފަދަ ވަޞީލަތް ތަކުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމަކީ ގޯހެއްނޫން. އާދޭސް ކޮށްފައި ބުނަން. މިފަދަ ވިޔާ ނުދާ އާދަތައް ދޫކޮށް އިޞްލާހުވޭ! ފުރުޞަތު އަދި ނުގެއްލޭ! ލަންކާއަށް މުޅި އާއިލާ ބަދަލު ކުރީ މަންމަ އެދިގެން އަހަރެންގެ ބަހެއް އަހާ ނަމަ ދެން ވެސް އެނބުރި މާލެދާން ވިސްނާ! ހަގަށް ތިބި ދެބެން އެތިބި ހާލަތުން ސަލާމަތް ކުރެވޭތޯ. ކަމެއް ދިމާވުމުން ތަންގަނޑު މީހުން އެއްވާ ވަރަށް ރުއިމަކުން އެކަމަކަށް ހައްލެއް ނުލިބޭނެ. ދެން ވެސް ތަޢުބާވޭ! ހެއްދެވި ފަރާތަށް ދުޢާ ކުރުމާއެކު ދައްތަ ސަލާމަތް ކުރެއްވުން އެދި ﷲގެ ހަޟްރަތުގައި ދަންނަވާ! ފައިސާގެ ނުފޫޒުން އަދަބުން މިންޖު ކުރުމަކީ ދަރި ދެކެ ލޯބި ވުމެއް ނޫން. އަދަބު ހައްޤުވާވަރުގެ ކުށެއް ނަމަ އެކުށަކަށް ހައްޤު އަދަބު ދީގެން އިޞްލާހު ކުރަން މަސައްކަތް ކުރަން އިސްކަންދީ! އާޚިރަތުން މިންޖު ލިބޭނީ އޭރުން. ދުނިޔޭގެ ލަދަށް ވުރެ އާޚިރަތުގެ ބިރު ބޮޑު" އެހެން ބުނަމުން މަންމަގެ ލޮލުން އޮހޮރި އޮހޮރި ހުރި ކަރުނަތައް ޔަނާލު ފުހެލަ ދިނެވެ.

އެވަގުތު ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ބައްޕަ ކަމަށް ހީކޮށް ޔަނާލު ފޯނު ނެގިއެވެ. އެހެން ނަމަވެސް އެކޮޅުން ވާހަކަ ދެއްކީ ސަދަފްއެވެ. ޔަނާލު ޕާޓީއަށް ނައުމުން ޝަކުވާ ކުރަން ފެށިއެވެ. ކޭކު ފަޅާނީ ޔަނާލު އައުމުން ކަމަށް ބުނެ ސަދަފް ބޮޑާ ހާކަން ފެށިއެވެ. ވަރަށް ހަމަ ޖެހިލުމަށް ފަހު ޔަނާލު ބުންޏެވެ. "ސަދަފް ކޭކު ފަޅާ! ޔަނާ އަކަށް މިއަދަކު ނުދެވޭނެ. ޕާޓީގައި ޔަނާހުރި ކަމަށް ހީކޮށްލާ . މަންމަ މާބޮޑަށް ބަލިވެގެން މިއުޅެނީ. އެހެންވެ އެހާ އަވަހަކަށް ނުދެވޭނެ. ނިމިއްޖެ ނަމަ މާ ދަންނުވަންޏާ ދެވޭތޯ ބަލާނަން." މިހެން ބުނެ ވާހަކަ އޮޅުވާލިއެވެ. ފަހުން ހުރިހާ ވާހަކައެއް ތެދަށް ސަދަފްއަށް ކިޔައިދޭން ނިންމިއެވެ.

މަންމަ އެހާލަށް ދޫކޮށް ލައިފައި ނުދެވޭނެ އޭ ބުނުމަށް ފަހު ފޯނު ބޭއްވިއެވެ. މަންމަ އޭރުވެސް ގިސްލަ ގިސްލާއިފައި ރޮނީއެވެ. ދައްތައަށް ވީގޮތް ބެލުމަށް އެތަނަށް ދިއުމަށް އެދެމުން ދިއައެވެ. ނަމަވެސް ޔަނާލު އަކީ ދުވަހަކުވެސް އެފަދަ ތަނަކަށް ދިޔަ ކުއްޖަކަށް ނުވާތީ އަމަލު ކުރާނެ ގޮތެއް ވެސް ނޭނގުނެވެ. މަންމަ ހަމަޖެއްސުމުގެ ގޮތުން ނަމާދު ކޮށްލައިގެން މި ނުކުންނަނީ އޭ ބުނެ ޔަނާލު ވަނީ ކޮޓަރިއަށެވެ.

ނަމާދުކޮށް ނިމިގެން ޔަނާލު ދުޢާކުރަން ފެށިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހު! އިބަ އިލާހުއީ ހުރީހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އެކައުވަންތަ އިލާހު! މިއަޅާގެ މައިންބަފައިން ނަށް ހެޔޮ ވިސްނުން ދެއްވާ ދަރިން ތަރުބިއްޔަތު ކުރުމުގެ ރިވެތި ގޮތް އެސިކުނޑި ތަކަށް ވައްދަވާ ދެއްވާށި! ދަރިންނަކީ ނިއުމަތެއް ކަމަށް ވީހިނދު އެ ދަރިން ބެލުމުގައި އިހުމާލު ނުވުމާއި ލޯބީގެ ނަމުގައި ކުދިންނަށް ނުބައި މަގު އިހުތިޔާރު ކުރުމުގެ މެދުވެރިން ކަމުގައި މައިންބަފައިން ނުލައްވާށި! މަންމައާއި ދައްތަގެ ކިބައިގައި ހަރުލައިފައިވާ ވިޔާނުދާ އެންމެހާ އާދަ ތަކުން ދުރު ކުރައްވާ ހެޔޮ ވިސްނުމާއި އިސްލާމީ އަގީދާ ގެ ނޫރު އެހިތުގައި ވަރުގަދަ ކުރައްވާށި! މިއަޅާއާއި އާއިލާގެ އެހެން މެމްބަރުންގެ ހިތުގެ އަޤީދާ ވަރުގަދަ ކުރައްވާ ހެޔޮމަގުގައި ސާބިތުވުމުގެ ހިތްވަރު ދެއްވާށި! މިއާޅާ މިކުރާ ދުޢާ އިޖާބަ ކުރައްވާށި!" ޒިކުރު ޞަލަވާތާއެކު ޔަނާލު މޫނު ފިރުމާލިއެވެ. (ނުނިމޭ)

ފުރަތަމަ ބައި: