ދުނިޔެ

ޓައިވާނަށް ހަތިޔާރު ވިއްކަން ބައިޑަން ސަރުކާރުން ހުއްދަދީފި

މިއީ ޗައިނާއަށް ބޮޑު ވާހަކައެކެވެ. އެމެރިކާއިން ޓައިވާނަށް ހަތިޔާރުވިއްކަން ބައިޑަން ސަރުކާރުން ރުހުންދީފި އެވެ. އެމެރިކާއާ ޗައިނާއާ ދެމެދު އޮތް އިގުތިސޯދީ ވާދަވެރިކަމުގައި ދެގައުމުން ކުރެ ގައުމަކަށް ފައިދާއެއް ނުކުރި ނަަމަވެސް ޗައިނާ ރުޅިއަރުވައި ކައްކުވާލަން އެމެރިކާ ކުރާ މަސައްކަތްތަކުން މިއޮތީ ކާމިޔާބު ހޯދާފަ އެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމަކީ އެގައުމުން ވަރަށް އިސްކަންދޭ ކަމެކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިފަހަރު ހުއްދަދީފައި ވަނީ ޓައިވާނަށް 750 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށެވެ.

ފާއިތުވި އަހަރު ފަހުކޮޅު ޓްރަމްޕް ސަރުކާރު ނިމެން އަންނަނިކޮށް ޓައިވާނަށް 1.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ޓްރަމްޕް ސަރުކާރުން ވަަރަށް ވަސައްކަތްކުރި އެވެ. މިކަމާ ގުޅިގެން ޗައިނާއިން އެމެރިކާގެ އެތައް ކޮންޓްރެކްޓަރަކަށް ދަތިކުރުމުގެ ފިޔަވަޅުއެޅި އެވެ. އޭގެ ތެރޭގައި ލޮކްހީޑް މާޓިން ވެސް ހިމެނެ އެވެ. ޓްރަމްޕްގެ ދައުރު ނިމި ވައިޓް ހައުސްއިން ނިކުމެ ވަޑައިގެންނެވިއިރު ވެސް މިޑީލް މުޅިން ހަމަޖެހިފައި ނުވެ އެވެ.

ބައިޑަން ސަރުކާރުން ދިން ރުހުމުގައި، ވިސްނާފައި އޮތީ ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދީފި ނަމަ ރައްދު ހަމަލާ ދެވޭވަރުގެ ބާރުގަދަ ހަތިޔާރު ސަޕްލައިކުރުމަށެވެ. މިއީ ޗައިނާއިން ވަރަށް ކަންބޮވާނެ ކަމެކެވެ. މިކަމުގެ ސަބަބުން މިހާރު ވެސް ބަލިކަށިވެފައި އޮތް ދޭދޭ ގުޅުން އިރައިގެން ދިޔަނަމަވެސް އެމެރިކާއަށް އެއީ އުފަލެކެވެ.

އެމެރިކާއާ ހުޅަނގުން ދެކޭ ގޮތުގައި ޓައިވާނަކީ މިނިވަން ދައުލަތެކެވެ. ޓައިވާނަށް އަމަން ބެލެހެއްޓުމަށް އެހީތެރިވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ލާޒިމްކަމެކެވެ. އެމެރިކާއިން ބުނާ ގޮތުން ޓައިވާނަށް އެހީތެރި ވަނީ ވެސް އެނިޔަތުގަ އެވެ. ކޮންމެހެން ބަޔަކު ރުޅިއެރުވުމަކަށް ނޫނެވެ.

ޗައިނާއިން ގަބޫލުކުރަނީ ޓައިވާނަކީ ޗައިނާގެ ޕްރޮވިންސެއް ކަމަށެވެ. އެހެންވެ ޓައިވާނަށް މިނިވަން ދައުލަތެއްގެ ލަގަބު ލިބިގެނެއް ނުވާނެ އެވެ. ޗައިނާއިން އުންމީދުކުރަނީ ދުރުނޫން މުސްތަގުބަލެއްގައި ޗައިނާގެ ބައެއްގެ ގޮތުގައި ޓައިވާން ހަމަޖެހި ބާރުވެރިކަމުގައި ދެމިއޮތުމަށެވެ.