ދުނިޔެ

ލުބްނާނަށް އެމެރިކާއިން 100 މިލިއަން ޑޮލަރުގެ އެހީއެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުދަ ދުވަހު ވިދާޅުވި ގޮތުން ލުބްނާން އޮތީ މާލީ އެހީތެރިކަމަށް ބޭނުންވެފަ އެވެ. އެމެރިކާއިން އަވަސް އެހީއެއް ލުބްނާނަށް ފޯރުކޮށްދިނުމަކީ އެގައު ވެއްޓިފައި އޮތް އިގުތިސޯދީ އަޑިގަނޑުން އަރައިގަނެ ސަރުކާރެއް އެކުލަވާލުމަށް ބޮޑު ފަަސޭހައަކަށް ވާނެ އެވެ.

ބައިޑަން ސަރުކާރުން ވިސްނާފައި އޮތީ ލުބްނާނަށް 100 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށެވެ. އެއީ ލުބްނާންގެ އާންމު ހާލަތު ރަނގަޅުކުރުމަށް ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ.

ބައިޑަން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލުބްނާން މިހާރު އޮތް ހާލަތުން ކިތަންމެ ބޮޑު އެހީއަކީ ވެސް މާބޮޑު އެއްޗަކަށް ނުވެދާނެ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއަށް އިތުރު އެހީތައް ފޯރުކޮށްދެވޭނީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ވެރިން ވެސް ތެދުވެރި ނަމަ އެވެ.

ލުބްނާންއަކީ ކޮރަޕްޝަނާއި ފަސާދަ ބޮޑު ގައުމެއް ކަމަށް ސިފަކުރައްވަމުން ބައިޑަން ވިދާޅުވީ އިސްލާހީ ރޫހު އޮވެގެން މެނުވީ އެދިމާއަށް ގައުމު ނޭނބުރޭނެ ކަމަށެވެ.

ލުބްނާންގެ ވެރިރަށް ބޭރުތު ބަނދަރުގައި ބާރުގަދަ އެއްޗެއް ގޮވައި ހިނގި ހާދިސާއަށް އެއްއަހަރު ފުރުމާ ދިމާކޮށް ބައިޑަން ސަރުރުން ލުބްނާނަށް ދޭ އެހީއަކީ ކުރިއަށް އޮތް ތަނުގައި ލުބްނާނާ މެދު ތަންކޮޅެއް ގާތްކޮށް އެމެރިކާއިން ވިސްނާނެ ކަމަށް ދިން ސިގުނަލެކެވެ.

ލުބްނާނަށް މިހާރު އޮތް ގޮތަކީ ގައުމުގެ ހާލަތު ރަނގަޅުކުރަން އަވަހަށް ސަރުކާރެއް އެކުލަވާލައި ޔޫރަޕާއި ދުނިޔޭގެ ގައުމުތައް ރުއްސުމެވެ. ޖަރުމަނުން ބުނި ގޮތުން ސަރުކާރެއް އެކުލަވާނުލައި ދިގުދަންމާ ނަމަ އެހީތެރިވުމަކީ ކުރަން ފަސޭހަ ކަމަށް ނުވާނެ އެވެ.