ދުނިޔެ

ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީގާތީ ތުރުކީއަށް

ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މިގާތީ ރަސްމީ ދަތުރެއްގައި ތުރުކީއަށް ވަޑައިގަންނަވަނީ އެވެ. މިއީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ރަސްމީ ދައުވަތަކަށް ބޮޑުވަޒީރު ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި މުހިންމު ކަމަކަށް އޮތީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމެވެ. އެހެން ނަމަވެސް ދިގު މުއްދަތަކަށް އަމާޒުކޮށް ލުބްނާނަށް އެހީ ހޯދުމުގައި ތުރުކީން މަސައްކަތްތަކެއް ކުރާނެ އެވެ.

ލުބްނާން މިހާރު އޮތި އިގުތިސޯދީ ގޮތުން ބަލިކަށިވެފަ އެވެ. ތެލުގެ އަގު ބޮޑުވެ ގައުމު ހިންގަން ބޭނުންވާ ވަރަށް ކަހަތަ ނުލިބުމާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ދުނިޔޭގެ ބޭންކްތަކާއި މާލީ އިދާރާތަކުން ލުބްނާނަށް ބޭނުންވާ ފައިސާ ހޯދަން މަޝްވަރާ ކުރެވެމުން ދާއިރު ދޭދޭ ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސް ކަމުގެ ސަބަބުން ވެސް ލުބްނާނަށް ވަނީ ދަތިތައް ކުރިމަތިވެ އެވެ.

މެދުއިރުމަތީގެ އަރަބި އެކުވެރި ގައުމުތަކާއެކު ގުޅުން ހަރުދަނާ ކުރަން ލުބްނާން އެދުނު ނަމަވެސް ގައުމުގެ ހާލަތު މިވަގުތު އޮތް ގޮތުން ލުބްނާނަށް ފަސޭހަ އަދި އަވަސް މަގެއް ފެންނާކަށް ނެތެވެ.

ލުބްނާންގައި ސަރުކާރެއް އެކުލަވާނުލެވި ދިގުލައިގެން ދިއުމާއި ލުބްނާން ބަނދަރުގައި ހުރި ކެމިކަލް ގުދަނެއް ގޮވުމުގެ ސަބަބުން ދައުލަތަށާއި ފަރުދުންނަށް ލިބުނު ގެއްލުން އަދި ވެސް ފުބެދޭ ގޮތެއް ނުވެ އެވެ.

ލުބްނާންގައި އެކުލަވާލެވޭ ކޮންމެ ސަރުކާރެއްގެ މައްޗަށް ހިޒްބުﷲ ޖަމާއަތް ގޮތް ކިޔުމަކީ ވެސް ލުބްނާނަށް ލިބެން ހުރި ވަަސީލަތްކަށް ހުރަސް އެޅޭ ކަމަށް ވެސް އޮތީ ވެފަ އެވެ.

މެދުއިރުމަތީ އަރަބި ގައުމުތަކުން ބުނާ ގޮތުން ލުބްނާން ވެއްޓިފައި އޮތް ވަޅުގަނޑުން އެރުމަށްޓަކައި އެހީތެރިވެ ދޭވޭނީ ނަޖީބް މީގާތީގެ ސަރުކާރަށް ފުރިހަމައަށް ބާރު ލިބުމުންނެވެ.

ނަޖީބު މީގާތީ ތުރުކީއަށް ކުރައްވަ ދަތުރުގައި މެދުއިރުމަތީ ގައުމުތަކާ ގުޅުން ގާތްކުރަން މަޝްވަރާ ކުރެއްވާނެ ކަމަށް ބެލެވެ އެވެ. ތުރުކީން ވެސް މިހާރު ގެންދަނީ އަރަބި ގައުމުތަކާއެކު ގާތްވެ އެކުވެރިވަމުންނެވެ.