ފުވައްމުލައް

ދާއިމީ ހައްލެއް ގެންނަން ފުވައްމުލަކުން މިއަދު ވަގުތުކޮޅަކަށް ކަރަންޓު ކަނޑާލަނީ

Aug 5, 2021

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މިއަދު އެރަށުން ކަރަންޓު ކަނޑައިލާނެ ކަމަށް ފުވައްމުލަކު ފެނަކަ ބްރާންޗުން ބުނެފި އެވެ.

ފެނަކަ އިން ބުނީ ފުވައްމުލަކުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ގެނައި ޓްރާންސްފޯމަރު މިއަދު އިންސްޓޯލް ކުރާނެ ކަމަށެވެ. އިންސްޓޯލް ކުރާނީ މެންދުރު 2:00 އިން ފެށިގެން ކަމަށާއި އެހެންކަމުން އެވަގުތުން ފެށިގެން ހަވީރު 5:00 އާއި ހަމައަށް ކަރަންޓު ކެނޑޭނެ ކަމަށެވެ.

އެވަގުތު ސަޕްލައި ފެނުގެ ޕްރެޝަރު ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ވަނީ ބުނެފަ އެވެ.

ފުވައްމުލަކަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކުރަން އައްޑޫ ސިޓީން މިހާރު ވަނީ ފޯމަރެއް ގެނެސްފަ އެވެ.

ފުވައްމުލަކުގެ 80 ޕަސެންޓް ގޭބިސީން ފެނާ ކަރަންޓު ކެނޑުނެވެ. ނަމަވެސް ފެނަކަ ފުވައްމުލަކު ބްރާންޗުން ބުނެފައި ވަނީ އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދިފައިވާތީ ކޮންމެހެން ބޭނުން ކުރަންޖެހޭ ކަންކަމަށް ކަރަންޓް ބޭނުން ކުރުމަށް ފުވައްމުލަކު ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.