ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ވިސްނުން ތޫނު އެއް ދަރިވަރަކަށް ނަތާޝާ ޕެރީ

ދުނިޔޭގެ އެންމެ މޮޅު ދަރިވަރަކަށް އުމުރުން 11 އަހަރުގެ ނަތާޝާ ޕެރީ ހޮވައިފި އެވެ.

ނަތާޝާ އަކީ އެމެރިކާ އަދި އިންޑިޔާއަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ދަރިވަރުކަމުގައި ހޮވާފައިވަނީ ސްކޮލަސްޓިކް އެސެސްމަންޓް ޓެސްޓް (އެސްއޭޓީ) އާއި އެމެރިކަން ކޮލެޖް ޓެސްޓިން (އޭސީޓީ)ގައި ފާހަގަކޮށްލެވޭ މޮޅު ޕާފޯމަންސެއް ދައްކާފައި ވާތީ އެވެ.

އެ ދަރިވަރަކީ ކޮލެޖަށް ވަންނަން އެކަށީގެންވާ ފެންވަރެއްގެ ކުއްޖެއްތޯ ބަލާ މިންގަނޑަކީ މި ޓެސްޓްތަކުގެ ނަތީޖާ އެވެ. އެމެރިކާގެ ވަރަށް ގިނަ ކޮލެޖުތަކަށް ވައްދާ ދަރިވަރުންގެ ފެންވަރު ބަލަނީ މި އިމްތިހާނު ދީގެންނެވެ.

މި ޓެސްޓްތައް ބާއްވަނީ ޖޯންސް ހޮޕްކިންސް ސެންޓަ ފޯ ޓެލެންޓެޑް ޔޫތު ޓެލެންޓް (ސީޓީވައި) ސާޗްގެ ބައެއްގެ ގޮތުގަ އެވެ.

ނަތާޝާ އަކީ ނިއު ޖާޒީގެ ތެލްމާ އެލް ސޭންޑްމީއާ އެލެމެންޓްރީ ސްކޫލްގައި ކިޔަވާ ދަރިވަރެކެވެ. ދުނިޔޭގެ އެންމެ މޮޅު ދަރިވަރަކަށް އޭނާ ހޮވީ މި އެސެސްމަންޓްތަކުން އޭނާ ހޯދި ފަޚުރުވެރި ކާމިޔާބީގެ ސަބަބުންނެވެ.

ދުނިޔޭގެ 84 ގައުމަކުން 19000 ދަރިވަރުން ސީޓީވައި 2020-21ގައި ބައިވެރިވެފައިވާއިރު ނަތާޝާ އަކީ ވެސް މިތަނުން އެއް ދަރިވަރެވެ.

ސީޓީވައިގައި ދެނީ ކުއްޖާ ކިޔަވާ ލެވެލް އަށް ވުރެ މަތީ ލެވެލްގެ ޓެސްޓެވެ. އެ ކުއްޖެއްގެ އަސްލު ހުންނަން ޖެހޭ ފެންވަރަށް ވުރެ މަތީ ފެންވަރު ހުރި ކުދިން ދެނެގަތުމަށެވެ. މި ޓެސްޓުން ކުއްޖާގެ ތައުލީމީ ގާބިލްކަން ހަގީގަތުގައި ހުރީ ކިހާ ވަރަކަށް ކަން ދެނެގަނެވެ އެވެ.

ޖޯންސް ހޮޕްކިންސް ޓެލެންޓް ސާޗް ޓެސްޓުގައި ނަތާޝާ ބައިވެރިވީ 2021ގެ ސްޕްރިންގް ގައެވެ. އޭރު އޭނާ ކިޔަވަނީ ގްރޭޑް 5 ގައެވެ.

ނަތާޝާ ވަނީ މި ޓެސްޓްތައް ހަދައި ގްރޭޑް 8ގެ ކުދިންނަށް ދޭ ފެންވަރުގެ އިމްތިހާނުން 90 ޕަސެންޓަށް ވުރެ މަތިން ހޯދައި ޖޯންސް ހޮޕްކިންސް ސީޓީވައި "ހައި އޮނާޒް އެވޯޑު" ހޯދާފަ އެވެ.

ނަތާޝާ ބުނި ގޮތުގައި މި ލިބުނު ކާމިޔާބުން އިތުރަށް މަސައްކަތްކުރުމުގެ ހިތްވަރު ލިބިއްޖެ އެވެ. އަދި އޭނާއަށް ކާމިޔާބު ލިބުނީ ޑޫޑްލިން އާއި ޖޭ އާރް އާރް ޓޯލްކީންސްގެ ވާހަކަ ފޮތްތަކުގެ އެހީގައި ކަމަށް ވެސް ނަތާޝާ ބުންޏެވެ.