ލައިފްސްޓައިލް

މުޅިން އެއްވައްތަރު އެއްމާބަނޑު ތިން އަންހެންކުދިން އެމެރިކާގައި އުފަންވެއްޖެ

އެއް ވައްތަރެއް ޖަހާ އެއްމާބަނޑު ދެބެން ވަރަށް ގިނައިން ފެނެ އެވެ. ނަމަވެސް މުޅިން އެއް ސިފައެއް ހުރި އެއްމާބަނޑު ތިން ބޭންނަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ ކުދިން އުފަން ވުމުގެ ފުރުސަތު އޮންނަނީ މިލިއަނަކުން ފަހަރަކު އެވެ.

އެނަސްޓާސިއާ، އޮލީވިއާ އަދި ނާދިއާ އަކީ މިފަދަ 'މިލިއަނަކުން އެއް ފަހަރު' ދިމާވާ ހާލަތުގައި އުފަންވީ ތިން ބެއިންނެވެ. އެމެރިކާގެ ނިއު ޖާޒީގައި މި ތިންބެއިން އުފަންވެފައިވަނީ ފާއިތުވީ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ.

މި ކުދިންގެ މައިންބަފައިން ކަމަށްވާ މާކް ބޮޑްރޮގް އާއި ގެބްރިއެލާ މޮސްކިއުއެރާ ބުނި ގޮތުގައި އޭނާގެ މަންމަ ފަރާތު އާއިލާގައި އެއްމާބަނޑު ގިނަ ކުދިން ވަރަށް ގިނައިން އުފަންވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް އައިޑެންޓިކަލް އަންހެން ތި ބޭން އެއްފަހަރާ ލިބޭ ކަމަށް ޑޮކްޓަރުން ބުނުމުން އެމީހުން ވަރަށް ހައިރާންވި ކަމަށް ގެބްރިއެލާ ބުންޏެވެ.

"އަހަރެންނަށް ފުރަތަމަ އެ ޚަބަރު ލިބުމާއެކު 20 ވަރަކަށް މިނިޓް ދެކޮޅަށް ހިނގާލަ ހިނގާލަ ވިސްނަން ހުރެވުނު. އެއްމާބަނޑު ތިން ކުދިން ލިބޭކަން އެނގުނީމަ ހީކޮށްލާ އެމީހަކަށް ކުރެވޭނެ އިހްސާސް،" ގެބްރިއެލާ ބުންޏެވެ.

ގެބްރިއެލާ އާއި އޭނާގެ ފިރިމީހާ ކައިރީގައި ޑޮކްޓަރުން ބުނެފައިވަނީ މިއީ ހާލަކުން ފަހަރަކު ނޫނީ ދިމާނުވާ ފަދަ ކަމެއް ކަމަށެވެ.

"އެ ކުދިން ގަރުބަގަނެފައިވަނީ އެންމެ ބިހެއްގައި. ތަފާތު ތިން އެމިނިއޯޓިކް ކޮތަޅުގައި ކުދިން ތިބިއިރު ޝެއާކުރަނީ އެންމެ ޕްލެސެންޓާ (މަހެއް) އެއް. އެހެންވެ މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް ޑޮކްޓަރުން ބުނީ. މިހާތަނަށް މިފަދަ އެހެން ކޭސް ސްޓަޑީއެއް ރެކޯޑް ކުރެވިފައި ނެތް ކަމަށް ވެސް ޑޮކްޓަރުން ބުނި،" ގެބްރިއެލާ ބުންޏެވެ.

ގެބްރިއެލާ ވިހެއުމުގައި ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުން ޑޮކްޓަރުން ތިބީ ދުރާލާ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ. އެހެންވެ 8 ޖުލައި ގައި އެކުދިން ވިއްސިއިރު ގަބްރިއެލާގެ ބަނޑަށް ވީ 34 ހަފުތާ އާއި ފަސް ދުވަހެވެ. އުފަންވީއިރު ކޮންމެ ކުއްޖެއްގެ ބަރުދަނުގައި ފަސް ޕައުންޑް ހުއްޓެވެ.

މިހާރު ގެބްރިއެލާ އާއި އޭނާގެ ތިން ކުދިން ވަނީ މުޅިން ރަނގަޅުވެގެން ގެއަށް ގޮއްސަ އެވެ. ނަމަވެސް ރިސާޗްތަކަށް އެކުދިންގެ މައުލޫމާތުތައް އެއްކުރަން ދޭތެރެ ދޭތެރެއިން ގުޅާނެ ކަމަށް ތަޖުރިބާކާރުން ވަނީ ގެބްރިއެލާ ކައިރީ ބުނެފަ އެވެ.

ނިއުސްވީކްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މިއަހަރުގެ ޖޫން މަހު ވެސް އެމެރިކާގައި މިފަދަ އައިޑެންޓިކަލް ތިން އަންހެންކުދިން އުފަން ވެފައި ވެއެވެ. ނަމަވެސް މި ކުދިން އުފަންވީ ބަނޑަށް 29 ހަފުތާގައި ކަމުން ދެ މަސް ދުވަހު މި ކުދިން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހުނުކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.