ބޭރު ކުޅިވަރު

ޗެލްސީ އަށް ތަށި ހޯދައިދެވޭނީ ޓޮމް ކުރޫޒަށް: މޮރީނިއޯ

އިނގިރޭސި ޕްރެމިއާ ލީގު ތަށި އޭނާ އަށް ޗެލްސީ އަށް މި ސީޒަނުގައި ހޯދައިނުދެވޭނެ ކަމަށާއި އެކަން ކުރެވޭނީ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒަށް ކޯޗު ހޮސޭ މޮރީނިއޯ ބުނެފި އެވެ.

ޑިއެގޯ ކޯސްޓާ ޖަހައިދިން ހަމައެކަނި ލަނޑުން ނޯވިޗް ސިޓީ އަތުން ރޭ މޮޅުވި މެޗަށް ފަހު ޗެލްސީ މިހާރު އޮތީ 14 ޕޮއިންޓާއެކު 15 ވަނަ ވަނާގަ އެވެ.

"ހަތަރުވަނަ މަގާމަކީ އަހަންނަށް އަދިވެސް ނުހޯދޭނެ މަގާމެއްނޫން. އެކަމަކު ކަލޭމެން ތަށި ލިބިދާނެހޭ އަހައިފިއްޔާ އަހަރެން ބުނާނީ އެއީ ނުވާނެ ކަމެކޭ. ފަހަރެއްގައި އެކަން ޓޮމް ކްރޫޒަށް ކުރެވިދާނެ. އެކަމަކު އެވެސް ގޮތްނޭނގޭނެ ކަމެއް،" މޮރީނިއޯ ޖޯކު ޖަހަމުން ބުންޏެވެ.

"އަހަރުމެން އެބަޖެހޭ އަހަރުމެންގެ ވާދަވެރިން އަތުން ޕޮއިންޓް ހޯދަން. އެކަމަކު ވާދަވެރި ޓީމެއް މާބޮޑަށް ކުރިއަށް ގޮސްފިއްޔާ އެކަން (ހަތަރުވަނަ ހޯދަން) ވެސް ކުރަން އުނދަގުވާނެ. ހަތަރު ވަނަ މަގާމަކީ ހޯދަން އުނދަގޫ މަގާމެއް. އެކަމަކު އެކަން ކުރެވިދާނެ،" މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދި ޓީމު ކޯޗު ބުންޏެވެ.