މެންޗެސްޓާ ސިޓީ

ގްރީލިޝް މިއަދު ސިޓީގައި މެޑިކަލް ހަދާނެ

ރިކޯޑު އަދަދަކަށް މެންޗެސްޓާ ސިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ޖެކް ގްރީލިޝް މިއަދުގެ ވަގުތެއްގައި މެންޗެސްޓާ ސިޓީގައި މެޑިކަލް ޓެސްޓުތައް ހަދާނެ އެވެ.

ސިޓީން ގްރީލިޝް ގަންނަން މަސައްކަތް ކުރަނީ 100 މިލިއަން ޕައުންޑަށެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި މިހާތަނަށް ހިނގާނެ އެންމެ ބޮޑު ޓްރާންސްފާ އެވެ.

މީގެ ކުރިން އެންމެ ބޮޑު އަގެއްގައި ޓްރާންސްފާ ހަދާފައިވަނީ ޕައުލް ޕޮގްބާ އަށެވެ. ޔުވެންޓަސްއިން މެންޗެސްޓާ ޔުނައިޓެޑަށް 2016 ވަނަ އަހަރު ޕޮގްބާ ބަދަލުވީ 93.25 މިލިއަން ޕައުންޑަށެވެ.

މިހާރު ގްރީލިޝް ކުޅެމުން އަންނަ އެސްޓަން ވިލާއިން ވަނީ 25 އަހަރުގެ ގްރީލިޝް ސިޓީއަށް ވިއްކާލަން އެއްބަސްވެފަ އެވެ.

މީގެ ކުރިން އެސްޓަން ވިލާއިން ވަނީ ގްރީލިޝް އެޓީމުގައި ބަހައްޓަން ގިނަ މަސައްކަތް ތަކެއް ކޮށްފައިވެ އެވެ. އެގޮތުން ސިޓީން ގްރީލިޝްއަށް ދޭން ނިންމާފައިވާ ވަރަށް ވުރެ ބޮޑު މުސާރައެއް ދީގެން އޭނާ އެކްލަބްގައި ބެހެއްޓުމަށް އެސްޓަން ވިލާއިން މަސައްކަތް ކުރި އެވެ. ނަމަވެސް ޓީމުގެ ކެޕްޓަން ބަހައްޓަން އެކްލަބުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.

އެސްޓަން ވިލާއިން ގަބޫލު ކުރާ ގޮތުގައި ގްރީލިޝް އެޓީމުގައި ބަހައްޓަން ބޭނުން ނަމަ ކްލަބްގެ އިންތިޒާމުތައް ރަނގަޅު ކުރަން ޖެހެ އެވެ. އެކްލަބުން ބުނާ ގޮތުގައި އެކަމަށް ދެއަހަރު ދުވަހުގެ މުއްދަތެއް ނަގާނެ އެވެ.

ގްރީލިޝް ސިޓީއަށް ބަދަލުވާން ނިންމީ މުސާރައިގެ އިތުރުން އޭނާގެ ފުޓްބޯޅަ ހަޔާތުގައި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުން ވާތީ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެސްޓަން ވިލާގައި ހުރުމަށް ވުރެ މެންޗެސްޓާ ސިޓީގައި އޭނާ ކުރިއަރާ ގޮސް ގިނަ ކާމިޔާބީ ތަކެއް ހޯދަން މާފަސޭހަ ވާނެ އެވެ.