އިނގިރޭސި ޕްރެމިއާ ލީގުގައި ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ޖިމީ ވާޑީ ވެސް ހޯދައިފި އެވެ.
އިނގިރޭސި ފޯވަޑް މި ރެކޯޑް ހޯދީ ރޭ ނިއުކާސަލް އަތުން ލެސްޓަސިޓީ 3-0އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ޖެހި ގޯލާއެކުގަ އެވެ. ކުރިން މި ރެކޯޑް އޮންނަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ނެދަލޭންޑްސްގެ ފޯވަޑް ރުޑްވޭން ނިސްޓެލްރޫއީގެ އަތުގަ އެވެ. އޭނާ ވެސް ވަނީ ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖަހައިފަ އެވެ. ނެދަލޭންޑްސްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް މިހާރު ހުރި ނިސްޓެލްރޫއީ ވެސް ޖެހިޖެހިގެން 10 ވަނަ މެޗުގައި ލަނޑު ޖެހީ 2003 ވަނަ އަހަރު ނިއުކާސަލްއާ ދެކޮޅަށެވެ.
އުމުރުން 28 އަހަރުގެ ޖިމީ ވާޑީ މެޗަށް ފަހު ބުނީ އޭނާ ޖެހާ ލަނޑުތަކުގެ އެންމެ ބޮޑު ޝުކުރެއް އޮތީ ޓީމުގެ ފިޒިކަލް ޑިޕާޓްމަންޓަށް ކަމަށެވެ.
"އެމީހުން އަހަރެން ފިޓްކޮށް ބަހައްޓަން ވަރަށް މަސައްކަތް ކުރޭ. އަދި އަހަރުމެންގެ ޓީމުން އިސްދަށަށް ޖަހައިގެން ނުތިބެން. އަހަރުމެން މަސައްކަތް ކުރަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ލަނޑު ޖަހައިގެން މޮޅުވާން،" 28 ޕޮއިންޓާއެކު ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ޓީމުގެ ފޯވަޑް ބުންޏެވެ.
ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ މެޗަށް ފަހު ބުނީ އިޓަލީގެ ފިއޮރެންޓީނާ އަށް އޭނާ ކޯޗުކޮށްދިންއިރު އާޖެންޓީނާގެ ގަބްރިއަލް ބަޓިސްޓޫޓާ ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖެހި ކަމަށެވެ. އަދި އެރެކޯޑް ވާޑީ މުގުރާލާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.