ބޭރު ކުޅިވަރު

ލިވަޕޫލް އަތުން ބަލިވެ ޕްލެގްރީނީ ރަތަށް

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން މެންޗެސްޓާ ސިޓީ 4-1އިން ބަލިވުމުން ސިޓީގެ ކޯޗު މެނުއަލް ޕްލެގްރީނީ ރުޅިއަތުވެއްޖެ އެވެ.

ބްރެޒިލްގެ ކޫޓީނީއޯ އާއި ފިރިމީނޯ އަދި މާޓިން ސްކަޓެލް ލިވަޕޫލަށް ލަނޑު ޖަހައިދިން މެޗުގެ ފުރަތަމަ ލަނޑަކީ ސިޓީގެ މަންގަލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސިޓީގެ ހަމައެކަނި ލަނޑު ޖެހީ ސާޖިއޯ އަގުއެރޯ އެވެ. މިއާއެކު އޭނާ ވެފައިވަނީ ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ދެކުނު އެމެރިކާގެ ކުޅުންތެރިޔާ އަށެވެ. ލިވަޕޫލް ކޮޅަށް ޖެހި ގޯލާއެކު ޕްރެމިއާ ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދަކީ 85 އެވެ.

މެޗުން ބަލިވެ، ޓޭބަލުގެ އެއްވަނަ މަގާމު ގެއްލުނު މެޗަށް ފަހު ޕްލެގްރީނީ ބުނީ "އަހަރެން މިހުރީ ވަރަށް ރުޅިއައިސްފައި،" ކަމަށެވެ.

"މިއީ ގަބޫލުކުރެވޭ ނަތީޖާއެއްނޫން. އަހަރެން ބޭނުމެއްނޫން ވަކި ކުޅުންތެރިއެއްގެ ވާހަކަ ދައްކާކަށް. އަހަރެން ނުދެކެން މި ޓީމު މިހާ ގޯސްކޮށް ކުޅުނުތަނެއް. އަހަންނަކަށް ނޭނގެ މިހާ ގޯސްކޮށް ކުޅެން ޖެހުނު ސަބަބެއް. ވަރަށް ގިނަ ބޯޅަތައް ގެއްލުވާލާ އެންމެ ކުރިން. މިހެންވާނަމަ އެޓޭކެއް ނުކުރެވޭނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ޓީމުގެ ފުރަތަމަ 11 އަށް ނެގީ އެންމެ ރަނގަޅު ކުޅުންތެރިން ކަމަށާއި އަދިވެސް މި ކުޅުންތެރިން 11 އަށް ނަގާފާނެ ކަމަށެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް ބުނީ ސިޓީއަށް އާއްމުކޮށް އެޓީމު މެޗުތައް ފަށައިގަންނަ ގޮތަށް މި މެޗުގައި ފަށައި ނުގަނެވުނު ކަމަށެވެ. އެއީ ލިވަޕޫލް ބޭނުންވި ގޮތް ކަމަށާއި 4-1އިން މޮޅުވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މި މޮޅާއެކު ސިޓީ އަށް ޓޭބަލުގެ އެއްވަނަ ގެއްލި މިވަގުތު އެއްވަނާގައިވަނީ 28 ޕޮއިންޓާއެކު ލެސްޓަ ސިޓީ އެވެ. ދެ ވަނާގައިވަނީ 27 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑެވެ. ސިޓީ އޮތީ 26 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. ހަތަރު ވަނާގައިވަނީ 26 ޕޮއިންޓާއެކު އާސެނަލް އެވެ. ލިވަޕޫލް އޮތ 20 ޕޮއިންޓާއެކު ނުވަވަނާގަ އެވެ.

ޕްރެމިއާ ލީގުގައި ރޭ އާސެނަލް ބަލިވީ ވެސްޓް ބްރޮމް އަތުން 2-1އިންނެވެ. މެންޗެސްޓާ ޔުނައިޓެޑް 2-1އިން މޮޅުވީ ވޮޓްފޮޑް އަތުންނެވެ.