މީހުންގެ އަދަދު ކޮންޓްރޯލް ކުރުން ނިމުމަކަށް ގެނެސް ޕާޓީތައް ބޭއްވުމަށް ހުއްދަ ދީފި އެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދުން ފެށިގެން ޕާޓީ ތަކާއި އެއްވުންތަކުގައި ބޭނުންވާ ވަރަކަށް މީހުންނަށް ބައިވެރިވެވޭނެ ކަމަށެވެ. އެކަމަކު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.
ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން މީގެކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޕާޓީ ތައް ބާއްވަން ހުއްދަ ދިން ނަމަވެސް 30 މީހުންނަށް ވުރެ އިތުރަށް އެއްވަގުތެއްގައި މީހުން އެއްތަނަކަށް އެއްވެ ތިބުން އޮތީ މަނާކޮށްފަ އެވެ.
މިއަދު ދިން ލުއިތަކުގެ ދަށުން ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް ކުރީގެ އާންމު ހާލަތުގައި ހުޅުވި ގަޑިތަކުގައި ހުޅުވައިގެން މިހާރު ހިދުމަތް ދެވޭނެ އެވެ. އަދި އޮފީސްތަކަށް މުވައްޒަފުން ނެރެގެން މިހާރު ހިދުމަތް ދެވޭނެ އެވެ. އަދި ޔުނިވަސިޓީތަކާއި ސުކޫލުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔެވުން ކުރިއަށް ގެންދަން ވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ނަންބަރުތައް ވަކިވަރެއްގައި ހިފެހެއްްޓިފައިވާތީ މިއަދު އިތުރު ލުއިތަކެއް ދިން ނަމަވެސް މާސްކް އެޅުމާއި ގައިދުރުކުރުން ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވެގެން އުޅުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފަ އެވެ.