އެމްޑީޕީ

ހަމަލާއަށް ފަންޑުކުރި ކަމަކަށް ނުބެލެވޭ ކަމަށް ބުނުމުން ކަންބޮޑުވެއްޖެ

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަކީ ބަޔަކު ދުރާލާ ފަންޑުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނުމާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކަށް ބަލާއިރު ފަންޑުކުރުމަށް ދެގޮތަކަށް އަމަލުކުރާ ކަމަށެވެ. އެއްގޮތަކީ ހަމަލާއަށް ފެސިލިޓޭޓް ކުރުމަށް ހަރަދުކުރުމެވެ. ދެވަނަ ގޮތަކީ ހަމަލާ ދިނުމަށް އެހެން ފަރާތަކުން އެފަރާތަށް އިނާމެއްގެ ގޮތުގައި ފައިސާދިނުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮއްވާލި ސައިކަލަކީ 2019 ވަނަ އަހަރު 18،000ރ. އަށް ގަތް ސައިކަލެއް ކަމަށެވެ. ހުޅުމާލެ ގަރާޖަކުން ހަމަލާއަށް ސައިކަލު ތައްޔާރުކުރުމުގެ ގޮތުން ސާވިސް ކުރި އެވެ. ބޮން ހެދުމަށް ވަކި އެޕާޓްމެންޓެއް ކުއްޔަށް ހިފާފައި ހުރި ކަމަށާއި އެކަމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް 317 އަށް ވުރެ ގިނަ ބެންކް ސްޓޭޓްމެންޓާއި އަދި މިފަރާތްތަކާ ގުޅުންހުރި އާއިލާ މީހުންނާއި ރައްޓެހިންގެ އިތުރުން ގާތްމީހުންގެ ބެންކް ސްޓޭޓްމެންޓްތައް ވެސް ހަމަލާއާއި އެއްވެސް ގޮތަކަށް ގުޅުން އޮތްތޯ ބެލުމަށް އެނަލައިޒް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

"...އަދި އައިއީޑީއަށް ބޭނުންވާ އެކިއެކި ކޮންޕޮނެންޓްސް ގަތުމަށްޓަކައި ހަރަދުގެ އަންދާޒާއެއްވެސް ކުރެވިފައިވަނީ. މިމައްސަލައިގައި އުޅޭ މީހުންގެ މޫވްމެންޓްސްތަކަށް ބަލާއިރު އެކަންކަމަށްވެސް ހަރަދުތަކެއް ކޮށްފައި ހުރި ކަމަށާ ގެސްޓްހައުސްތަކަށް ވެސް ހަރަދުކޮށްފައި ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އެފްއައިޔޫ މެދުވެރިކޮށް ފާއިތުވި ދުވަސްތަކުގައި މިފަދަ ޓެރަރިސްޓު ހަމަލާއަކަށް ފަންޑުކުރުމުގެ އެއްވެސް މުއާމަލާތެއް ކޮށްފައިވޭތޯ ބެލުމަށް ވެސް އެނަލިސިސްއެއް ހަދާފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިއީ ބަޔަކު އިނާމެއް ދީގެން ދިިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. މިއީ އެމީހުންގެ އަމިއްލަ މަގުސަދެއް އޮވެގެން ދިން ހަމަލާއެއް ކަމަށް ބެލުމުގެ ޖާގަ ބޮޑު ކަމަށާއި، މިއީ ފިކުރީ ސަބަބުތަކަަށްޓަކައި ދިން ހަމަލާއެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިހާތަނަށް ބެލިބެލުން މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ފައިސާ ދީގެން ކުރުވި ކަމެއްކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށް ނެތް. އެހެންނަމަވެސް މިހަމަލާގެ މޯޓިވް އަކީ ނަފްރަތާ އަދާވާތްތެރިކަމާއި ދީނީ ފިކުރުގެ ތަފާތުގައި އޮތް ރުޅިވެރިކަމުގައި އަމިއްލަ ގޮތުން ހަމަލާ ދިން މީހުން އެމީހުން އަމިއްލަ މަގުސަދެއް ހާސިލުކުރުމަށްޓަކައި ދީފަ ހުރި ކަމުގެ ހަރުދަނާ ސަބަބުތަކެއް ފެންނަން އޮތް ކަމަށް ފާހަގަކުރެވޭ."

ރިޔާޒު ވިދާޅުވި ގޮތުގައި ހަމަލާ ދިން މީހުން ރައީސް ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާނަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައިގެން ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެކި ތަންތަނުގައި ސިޔާސީ ގޮތުންނާއި ރަސްމީ ވާޖިބު އަދާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން ނިންމަވާފައިވާ ނިންމެވުންތަކާއި ދައްކަވާފައިވާ ވާހަކަތަކަށް ނިސްބަތްކޮށް ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއް ކަމާއި، މަރާލަން ޖެހޭ މީހެއް ކަމަށް ދެކި އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމީހުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވީ ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައެވެ. އެ ބައްދަލްވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އަދި ބިލެއްދޫ ދާއިރާގެ މެންބަރު މުހައްމަދު ހަލީމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ މެންބަރުން ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ސީރިއަސްކަން ގެއްލޭ ގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ. އަދި އެފަދަ މޭރުމުން ކަމާގުޅޭ އިދާރާތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ. ހާއްސަކޮށް ތަހުގީގުގެ މިހާތަނުން މި ހަމަލާއަށް ފަަންޑުކުރި ކަމަށް ބެލެވޭނެ ފަދަ ކަަމަށް ނެތް ކަމަށް ފުލުހުން ބުނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި ބަޔަކު ނެތް ކަަމަށާ އެއީ ހަމައެކަނި ހަރުކަށި ފިކުރުގެ ބަޔަކު ކުރި ކަމެއް ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރެއެވެ. އަދި ހަމަލާގެ ފުނަށް ވާސިލުވެ އެކަން ކުރި ބަޔަކު ހާމަކުރުމުން ނޫނީ ތަހުގީގަށް ރައްޔިތުންގެ އިތުބާރެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

މެންބަރު ވަހީދު ވިދާޅުވީ ފުލުހުން އެންމެ ފުރަތަމަ ވިދާޅުވީ މިވަރުގެ ހަމަލާއެއް ދެވޭނީ ބަޔަކު އަޑީގައި ތިބެގެން އަދި ފައިސާވެސް ހަރަދުކޮށްގެން ކަމަށެވެ. ނަމަވެސް ތަޖުރިބާގެ އަލީގައި އެހެން ވިދާޅުވުމަށްފަހު ކުއްލިއަކަށް ފައިސާގެ މުއާމަލާތެއް ނެތް ކަމަށް ބުނުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"މިހާ އަވަހަށް މި ހަމަލާގައި ފައިސާގެ މުއާމަލާތެއް ނެތޭ ބުނުމުން އަޅުގަނޑުމެން ކަންބޮޑުވޭ،"

މެންބަރު އިމްތިޔާޒު ފަހުމީވެސް ވިދާޅުވީ ހަމަލާގެ އެންމެ ފުންމިނަށް ވާސިލުނުވެވެނީސް ހަަމަލާއަށް ފަންޑުކުރި ބަޔަކު ނެތް ކަމަށް ބުނުމުން ކަންބޮޑުވާ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަކީ ބަޔަކު ދުރާލާ ފަންޑުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނުމާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް ފާޅުކުރި ކަންބޮޑުވުންތަކަށް އެމްޑީޕީގެ މެއި ހައެއް ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވަނީ ޖަވާބު ދެއްވާފައެވެ.

ހަސަން ވިދާޅުވީ ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދެންދެން ތަހުގީގު ކުރިއަށް ގެންދިއުމަށް އެ ކޮމެޓީން އެދޭނެ ކަމަށާ އަދި އެކަމަށް ބާރު އަޅަމުން ގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ކުރިއަށްދާއިރު ހަމަލާއަށް ފަންޑުކުރި ބަޔަކު ނެތް ކަމަށް ފުލުހުން މުޅީން ނުނިންމާ ކަމަށެވެ. ފުލުހުންގެ އެ މައުލޫމާތަކީ މިވަގުތަށް ހޯދިފައިވާ މައުލޫމާތުތަކުގެ އަލީގައި ވިދާޅުވާ ވާހަކަތަކެއް ކަމަށް ހަސަން އަފީފް ވިދާޅުވިއެވެ.

ހަމަލާ އާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ ކުރަން ފޮނުވާފަ އެވެ. ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ.