ދުނިޔެ

ޓައިވާނަށް ހަތިޔާރު ވިއްކުމަކީ އެމެރިކާއިން ހަދާ ބޮޑު ގޯހެއް: ޗައިނާ

ޓައިވާން އަކީ ޗައިނާއިން ވަކިކޮށްލެވޭނެ ގުނަވަނެއް ނޫން ކަމަށާއި ޗައިނާ ލިބިގެންފައި ހުރި އަސްކަރީ ގާބިލުކަން އެމެރިކާއަށް ވަޒަންނުކުރެވުނު ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ. ޗައިނާއިން ބުނީ ޓައިވާނަށް ހަތިޔާރު ވިއްކަން އެމެރިކާއިން ކުރާ މަސައްކަތްތަކުން ޗައިނާގެ އަމަނަށް ލޮޅުންއަރާނެ ކަމަށާއި ހިމޭނުން ނުތިބޭނެ ކަމަށެވެ.

ޗައިނާއިން ބުނީ ޓައިވާނަށް ހަތިޔާރު ވިއްކުން މާނަކުރަން ޖެހެނީ އެއީ ކޮންމެވެސް ބަޔަކަށް ދޭ ނުބައި ސިގްނަލެއް ކަމަށާއި މަސްލަހަތު ގެއްލި ހަލަބޮލިވުން ނޫން ކަމެއް އާޚިރު ނަތީޖާއަށް ނުވާނެ ކަމަށެވެ.

އެމެރިކާއަށް ހިނދުކޮޅަކަށް ވެސް ހިމޭނުން ނޯވެވޭ ކަމަށާއި ދުނިޔޭގައި ހަދާހާ ނުބައެއް އުފަންވަނީ އެމެރިކާގައި ކަމަށް ޗައިނާޢިން ބުނެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ހާލަތަށް ބަލައި އެކަށީގެންވާ ގޮތަށް ސައްހަ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި ޓައިވާނަށް ހަތިޔާރު ވިއްކުމަކީ އެމެރިކާ ތިޔަ ހީކުރާހާ ފަސޭހަ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.

ޗައިނާއިން ބުނީ ޓައިވާންގައި އެތިބީ ޗައިނާ ރައްޔިތުން ކަމަށާއި މައި ސަރުކާރުގެ ބާރު އަބަދު ވެސް ހިނގާނެ ކަމަށެވެ. އެމެރިކާއާ ޗައިނާއާ ވެފައި އޮތް މިފަދަ ކޮންމެ އެއްބަސްވުމެއްގައި ވެސް ޓައިޕޭއާ މެދު ބުނެފިވައި އޮންނާނީ މައި ސަރުކާރުން ކުރާ އަމުރުތައް ތަންފިޒުކުރާ ސިޓީއެއް ގޮތުގައި ކަމަށެވެ.

އެމެރިކާގެ ޑިފެންސް ލޮޖިސްޓިކްސް އޭޖެންސީން ބުދަދުވަހު ބުނި ގޮތުން ޓައިވާނަށް ހަތިޔާރު ވިއްކަން ސްޓޭޑް ޑިޕާޓްމަންޓުން އޮތީ ރުހުންދީފަ އެވެ. ޓައިވާނަށް 750 މިލިއަން ޑޮލަރުގެ ޒަމާނީ ހަތިޔާރު ވިއްކާއިރު އެމެރިކާއިން ބޮޑަށް ބަލާނެ ކަމަށް ވަނީ ޗައިނާއަށް ރައްދު ދެވޭވަރުގެ ހަތިޔާރާއި ބަރުއުޅަނދު ސަޕްލައިކުރުމަށެވެ.

ޓައިވާނަށް ހަތިޔާރު ޝިޕްމަންޓްތައް ފޮނުވުމުގެ ކުރިން އެމެރިކާގެ ކޮންގްރެސްއިން ފާސްކުރަން ޖެހެ އެވެ. އެހެންކަމުން ބެލެވެނީ ވާހަކަތައް މިހާ ހިސާބަަށް އައިސްފައި ވަނީ ކޮންގްރެސްއިން ރުހުން ލިބޭނެ ކަމަށް އޮތް ބޮޑު ޔަގީންކަމުގައި ކަމަށެވެ.