ސްޓާ ޕްލަސް އިން ދެއްކި ވަރަށް މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "ޕިޔާރް ކާ ދަރްދް ހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ"ގައި ލީޑް ރޯލު ކުޅުނު ނަކުލް މެހެތާ އާއި ދިޝާ ޕަރްމާރް މުޅިން އާ ސިލްސިލާއެއްގައި އެކުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ދިޝާ އާއި ނަކުލް ބައިވެރިވަނީ ސޮނީ ޓީވީން ތަންކޮޅެއް ކުރިން ދެއްކި ވަރަށް މަގްބޫލު ސިލްސިލާއެއް ކަމަށްވާ "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ދެވަނަ ސީޒަނުގަ އެވެ.
މި ސިލްސިލާގެ ފުރަތަމަ ސީޒަންގެ ތަރިންނަކީ ރާމް ކަޕޫރާއި ސާކްޝީ ތާންވަރެވެ. މި ޝޯގެ ދެވަނަ ސީޒަނެއް އިއުލާން ކޮށްފައިވާއިރު ލީޑް ރޯލު ކުޅޭނީ ނަކުލް ކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ.
ބާލާޖީ ޓެލެފިލްމްސް އިން އުފައްދާ މި ސިލްސިލާގައި ނަކުލްގެ ލޯބިވެރިޔާގެ ރޯލަށް ދިވްޔަންކާ ޓްރިޕާޓީ ލާން ވެގެން ޝޯގެ ޕްރޮޑިއުސަރުން ވަރަށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ނަކުލް އަށް ވުރެ މުސްކުޅިކޮށް ސްކްރީނުން ފެންނާނެ ކަމަށް ބުނެ ދިވްޔާ އެ ރޯލު ގަބޫލު ނުކުރީ އެވެ. އަދި މިހާރު މި ރޯލު ދިޝާ އަށް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ދިޝާ ދާދިފަހުން ވަނީ "ބިގް ބޮސް 14"ގެ ރަނަރަޕް އަދި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަންގައި ވެސް ރަނަރަޕަކަށް ހޮވުނު ރާހުލް ވައިދްޔާއާ ކައިވެނިކޮށްފަ އެވެ.
ދިޝާ އާއި ނަކުލްގެ "ޕިޔާރް ކާ ދަރްދް ހޭ" 2014ގައި ވަނީ ނިމިފަ އެވެ. މި ސިލްސިލާގައި އެމީހުން ކުޅުނީ އަދިތުޔާ އާއި ޕަންކުޅީގެ ރޯލެވެ. މި ދެ އެކްޓަރުންގެ ކެމިސްޓްރީ ރަނގަޅުކަމުން އެ ސިލްސިލާ ބެލި ގިނަ ބަޔެއްގެ ލޯބި މި ދެ ތަރިން ވަނީ ހޯދާފަ އެވެ. އެހެންކަމުން މި ދެ އެކްޓަރުންގެ އާ ސިލްސިލާ އަކަށް އެމިހުންގެ ފޭނުން ތިބީ ވަރަށް ބޭނުންވެފަ އެވެ.