ބޮލީވުޑް

އެކްޓްކުރުން ހުއްޓާލައި ފޮށިތަންމަތި ބަނދެ ކެޓުރީނާ ރަށަށް ދާން އުޅުނު

ކެޓުރީނާ ކައިފްގެ ފުރަތަމަ ފިލްމަކީ "ބޫމް" ކަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ. މިއީ ޖެކީ ޝްރޮފް އާއި އޭނާގެ އަންހެނުން އައިޝާ ޝްރޮފް ޕްރޮޑިއުސްކުރި ފިލްމެކެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ކުރިމަތިވީ ބޮޑު ނާކާމިޔާބުން ޖެކީ އާއި އައިޝާ މުޅިން ދަރަނިވެރިވެ އެމީހުން ދިރިއުޅުނު ގެ ވެސް ވިއްކާލަން ޖެހުނެވެ.

"ބޫމް"ގެ ނާކާމިޔާބުން ހިތްދަތިވެފައި ހުރި ކެޓުރީނާގެ އެހީތެރި ކަމަށް ދެން ތެދުވީ ސަލްމާން ޚާނެވެ. ކެޓުރީނާގެ ދެ ވަނަ ފިލްމަކީ ސަލްމާނާއެކު ކުޅުނު "މައިނޭ ޕިޔާރް ކިޔޫން ކިޔާ" އެވެ.

ކެޓުރީނާއަކީ ވެސް ރަނގަޅަށް އެކްޓް ކުރެވިދާނެ ބަތަލާއެއް ކަމަށް މީހުން ގަބޫލުކުރީ އޭނާގެ ތިން ވަނަ ފިލްމު "ހަމްކޯ ދީވާނާ ކަރް ގަޔޭ" އިންނެވެ. އަދި ހަތަރު ވަނަ ފިލްމު "ނަމަސްތޭ ލަންޑަން"އިން އޭނާ އަލިގަދަ ތަރިއެއްގެ ގޮތުގައި ފިޔަޖަހަން ފެށި އެވެ.

ނަމަވެސް "ނަމަސްތޭ ލަންޑަން" އެހާ ކާމިޔާބު ފިލްމަކަށް ވެދާނެ ކަމަކަށް ކެޓުރީނާ ގަބޫލެއް ނުކުރެ އެވެ. އެ ފިލްމު ބަލާފައި އެއީ ވަރަށް ބޮޑު ނާކާމިޔާބަކަށް ވާނެ ކަމަށް ކެޓުރީނާ ހުރީ ގަބޫލު ކޮށްގެންނެވެ. އަދި ފިލްމު ކުޅުމަށް އަލްވަދާއު ކިޔައި އެނބުރި ރަށަށް ދާން އޭނާ ފޮށިތަންމަތި ވެސް ބަނެވެ. ކެޓުރީނާ އޭރު ނިންމައިގެން ހުރީ މުޅިން އެހެން ކެރިއަރަކުން ކުރިއަށް އާ ހިތްވަރަކާއެކު މަސައްކަތް ފަށާށެވެ.

އެ ފިލްމު ފްލޮޕްވާނެކަމުގެ ޔަގީންކަން އޮތްވަރުން އަދި އެކަމާ ގަނެފައިވާ ލަދުގެ ބޮޑުކަމުން ޑައިރެކްޓަރު ވިޕުލް އަމުރުތުލާލް ޝާހްގެ ފޯނު ކޯލުތަކަށް ވެސް ކެޓުރީނާއަށް ޖަވާބުދޭން ނުކެރުނެވެ. އެތައް ދުވަހެއް ވަންދެން ތަކުރާރުކޮށް ކެޓުރީނާ އަށް ވިޕުލް ގުޅިއިރުވެސް އެންމެ ފަހަރަކުވެސް ކެޓުރީނާ ފޯނު ނުނަގަ އެވެ.

"ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި މި ވާހަކަތައް ކިޔައިދެމުން ކެޓުރީނާ ބުނީ ފިލްމު ބަލާފައި އެ ފިލްމު ފްލޮޕްވާނެކަމަށް އޭނާ މުޅިން ޔަގީން ކުރި އެވެ.

"ފިލްމު ރިލީޒްކުރުމުގެ ކުރިން ޑައިރެކްޓަރު ވިޕުލް އަހަންނަށް އެ ފިލްމު ދެއްކި. އަދި ފިލްމާ މެދު އަހަރެންގެ ޚިޔާލަކީ ކޮބައިހޭ އެހި. އަހަރެން އެކައްޗެކޭ ވެސް ނުބުނަން. އަދި އޭނަ ގުޅީމަ ފޯނެއް ވެސް ނުނަގަން. އާއްމުކޮށް ޑައިރެކްޓަރަކު އޭނާގެ ފިލްމުގެ ބަތަލާއަށް ފިލްމު ދައްކާނީ އެ ބަތަލާއެއްގެ ފީކްބެކް ބޭނުންވާތީކަން އަހަންނަށް އެނގޭ. ފިލްމު ބަލާފައި އަހަރެން އަނގައިން ވެސް ނުބުނެ އައިގޮތަށް ގެއަށް އައިސް ތަޅުލައިގެން އެތައް ދުވަހެއް ވަންދެން ހުރިން. ޑައިރެކްޓަރުގެ ފޯނު ކޯލުތަކަށް ވެސް ޖަވާބެއް ނުދެން،" ކެޓުރީނާ ބުންޏެވެ.

އެކަމާ ވިޕުލް ވަރަށް ހިތްހަމަނުޖެހުނު ކަމަށް ކެޓުރީނާ ބުންޏެވެ. އެންމެ ފަހުން އޭނާ ވިޕުލް އަށް ގުޅީ ފިލްމު ބެލިތާ އެތައް ދުވަހެއް ފަހުންނެވެ.

"އަހަރެން ގުޅާލިއިރަށް ވިޕުލް އެހި ކޮބައިހޭ ފިލްމާ ބެހޭ ގޮތުން އަހަރެންގެ ޚިޔާލަކީ. އަހަރެން ބުނިން. ރަނގަޅޭ ރަނގަޅޭ. ވަރަށް ރީތި ފިލްމެކޭ. އޯކޭ ބައިބައި އޭ،" ކެޓުރީނާގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ކެޓުރީނާ ބުނި ގޮތުގައި ފިލްމުގައި އޭނާގެ މަންޒަރުތައް ގިނަކަމުން އޭނާ ވަރަށް ކަންބޮޑުވި އެވެ. އަދި މީހުން އޭނާގެ އެހާ ގިނަ މަންޒަރު ބަލަން ބޭނުން ނުވާނެކަމަށް އޭނާއަށް ހީވި އެވެ. އެހެންވެ ފިލްމު ވާނީ ބޮޑު ފްލޮޕަކަށް ހީވެ ކެރިއަރުގެ ދުވަސް ދިޔައީ ކަމަށް ނިންމި ކަމަށް ކެޓުރީނާ ބުންޏެވެ.

ކެޓުރީނާ ހީކުރި ގޮތާ ޚިލާފަށް "ނަމަސްތޭ ލަންޑަން" ރިލީޒްކުރުމާއެކު ފިލްމަށް ލިބުނީ ވަރަށް ޕޮޒިޓިވް ރިވިއު ތަކެކެވެ.

"އަހަރެން ފޮއްޓަށް އެއްޗެތި އަޅަމުން އާ ކެރިއަރެއް ހޯދުމުގެ ވިސްނުމުގައި ހުރީ. އެހެންވެ ފިލްމުގެ ކާމިޔާބީގެ ޚަބަރުތައް ލިބުމުން އަހަންނަށް ލިބުނީ ޝޮކެއް. އަހަންނަށް އެ ފިލްމުގައި ކުރެވިފައިވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަން ގަބޫލުކުރެވުނީ އޭގެ ފަހުން،" ކެޓުރީނާ ބުންޏެވެ.

ކެޓުރީނާގެ ފިލްމީ ކެރިއަރުގައި ވަރަށް ގިނަ ބްލޮކްބަސްޓާ ފިލްމުތައް ކުޅެފައި ވެއެވެ. އޭގެ ތެރޭގައި "ވެލްކަމް"، "ރޭސް"، "ޕާޓްނާ"، "ސިންގް އިޒް ކިންގް"، "އަޖަބް ޕްރޭމް ކީ ޣަޒަބް ކަހާނީ"، "ރާޖްނީތީ"، "ޒިންދަގީ ނާ މިލެގީ ދޯބާރާ" އަދި "ބޮޑީގާޑް" ހިމެނެ އެވެ.