ބޮލީވުޑް

ކެޓުރީނާ ދަރިއަކު ހޯދާނީ "ޖީ ލޭ ޒަރާ" ނިންމާފައި

ކެޓުރީނާ ކައިފް ބަނޑުބޮޑޭ ކިޔައިގެން އަބަދާ އަބަދު އިންޑިޔާގެ ނޫސްތަކުގައި ޖަހަމުން ދެއެވެ. ވިކީ ކޯޝަލް އާއި ކެޓުރީނާ ކައިވެނި ކުރީއްސުރެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އޭނާ ބަނޑުބޮޑޭ ކިޔައިގެން ކޮންމެވެސް ޚަބަރެއް ފަތުރަ އެވެ. ނަމަވެސް ކެޓުރީނާ އާއި ވިކީގެ ފަރާތުން މި ވާހަކަތަކަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެ އެވެ.

އިއްޔެ އިންޑިޔާ ނޫހެއްގައި ލިޔެފައިވާ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި ދަރިއަކު ހޯދުމާ ގުޅޭ ގޮތުން ކެޓުރީނާ ވިސްނާ ގޮތް އޭނާގެ އެކުވެރިން ކައިރީގައި ބުނެފައި ވެއެވެ. ކެޓުރީނާގެ އެކުވެރިއަކާ ހަވާލާދީ އެ ނޫހުގައި ލިޔެފައިވާ ގޮތުގައި ކެޓުރީނާ ދަރިއަކު ހޯދަން ގަސްތުކުރަނީ އޭނާ މިހާރު ސޮއިކޮށްފައި ހުރި ފިލްމުތަކުގެ މަސައްކަތް ނިންމުމަށް ފަހުގަ އެވެ.

މިވަގުތު ކެޓުރީނާ ވަރަށް ބިޒީކޮށް ޝޫޓްކުރަމުންދަނީ ސަލްމާން ޚާން ލީޑް ރޯލު ކުޅޭ "ޓައިގާ 3" އެވެ. އަދި އޭގެ ފަހުން "މެރީ ކްރިސްމަސް"ކިޔާ ފިލްމެއް ސައުތު އިންޑިޔާ އެކްޓަރު ވިޖޭ ސެތުޕަތީ އާއެކު ކުޅެން ވަނި ހަމަޖެހިފަ އެވެ. އަދި ފަރްހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" ކުޅެން ވެސް އޭނާ ވަނީ އެއްބަސްވެފަ އެވެ. މިއީ ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓް އާއެކު އޭނާ ކުޅެން ހަމަޖެހިފައިވާ ފިލްމެވެ. އަދި ކެޓުރީނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން އޭނާ ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމު ވެސް މެއެވެ.

އެހެންކަމުން ކެޓުރީނާ އެކުވެރިޔާ ބުނީ ކެޓުރީނާ ދަރިއަކު ހޯދަން ގަސްތުކުރަނީ "ޖީ ލޭ ޒަރާ"ގެ ޝޫޓިން ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ. ދަރިއަކު ލިބުމުން އެ ދަރިފުޅަށް އެކަށީގެންވާ ވަގުތު ލިބޭނީ އެގޮތަށް ކަމަށް ކެޓުރީނާ ގަބޫލުކުރާ ކަމަށް ވެސް އެކުވެރިޔާ ބުނެފައި ވެއެވެ.