ބޮލީވުޑް

ކެޓުރީނާގެ ފޮޓޯތައް ބަލާފައި ބުނަނީ "ބަނޑު ބޮޑޭ!"

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް 2021ގައި ކައިވެނި ކުރި ފަހުން ކެޓުރީނާ ބަނޑުބޮޑޭ ކިޔައިގެން ދޭތެރެ ދޭތެރެއިން އިންޑިއާގެ ނޫސްތަކުގައި ޚަބަރުތައް ޖަހަ އެވެ.

އަނެއްކާވެސް ކެޓުރީނާ ބަނޑުބޮޑޭ ކިޔައިގެން ވާހަކަތަކެއް އެބަ ދެކެވެ އެވެ.

މި ވާހަކަތައް ދެކެވެން ފެށީ ރީނދޫ ކުލައިގެ ވަރަށް ދޫ ކުރުތާއެއް ލައިގެން ކެޓުރީނާ ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ.

މިފަހަރު މި ވާހަކަ އެންމެ ބާރަށް ދައްކަނީ ކެޓުރީނާގެ ފޭނުންނެވެ.

"ހީވަނީ ކެޓުރީނާ ހަމަ އަސްލުވެސް ބަނޑުބޮޑުހެން،" ފޭނަކު ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

އެހެން ފޭނަކު ބުނީ އޭނާއަށް ވަރަށް ރީތިކޮށް "ބޭބީ ބަމްޕް" ފެނިއްޖެ ކަމަށެވެ.

މިއަހަރުގެ ޖުލައި މަހު 40 އަހަރު ފުރޭ ކެޓުރީނާ ދަރިއަކު ހޯދުން ލަސްކުރުން ރަނގަޅު ނުވާނެ ކަމަށްވެސް އޭނާގެ ބައެއް ފޭނުން ބުނެފައި ވެއެވެ. ނަމަވެސް މިހާރު މި ދެކެވެނީ ތެދު ވާހަކައެއް ކަމެއް އަދި ކެޓުރީނާގެ ފަރާތުން ޔަގީންކޮށެއް ނުދެ އެވެ.

ކެޓުރީނާ ކުޅެމުންދާ ފިލްމުތަކަށް ބަލާއިރު ސަލްމާން ޚާނާއެކު ކުޅޭ "ޓައިގާ 3"ގެ ޝޫޓިންގް ނިމި މިހާރު އޮތީ ރިލީޒްކުރުމުގެ މަރުހަލާގަ އެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ "ފޯނު ބޫތު" ކިޔާ ފިލްމަކުން ސިދާންތު ޗަތުރަވޭދީ އާއި އިޝާން ޚައްތަރުއާ އެކުގަ އެވެ.