ބޮލީވުޑް

ފޭނުން ބުނަނީ ކެޓުރީނާ ބަނޑުބޮޑޭ!

ކެޓުރީނާ ކައިފް ބަނޑުބޮޑޭ ކިޔައިގެން ދެކެވޭ ވާހަކަތައް އަނެއްކާވެސް ވަރުގަދަ ވެއްޖެ އެވެ.

ދޭތެރެއަކުން މި ވާހަކަ ދެކެވިފައި ހުއްޓިފައި އޮތުމަށްފަހު އަނެއްކާ އާ ކޮށްގެން މީހުން މި ވާހަކަ ދައްކަނީ ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާން ބޭއްވި އީދު ޕާޓީތަކަށް އޭނާ ދިޔަ ތަނުން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރު ވުމުންނެވެ.

މަޑު ފިޔާތޮށިކުލައިގެ ހެދުމެއް ލައިގެން ހުރި ކެޓުރީނާގެ ހެދުން ހުރި ގޮތުން އޭނާގެ ބަނޑާ ދިމާލުން ފުއްޕާފައި ހުރި ހެން ހީވެ އެވެ. އެހެންވެ ފޮޓޯތައް ބަލާފައި ފޭނުން ބުނީ މިފަހަރު ހަމަ ހަގީގަތުގައި ވެސް ކެޓުރީނާ ބަނޑުބޮޑުކަން ޔަގީން ކަމަށެވެ. އަދި ކެޓުރީނާ އުޅެނީ އޭނާގެ ބަނޑު ފޮރުވަން ކަމަށްވެސް ބައެއް މީހުން ތުހުމަތު ކުރި އެވެ. އަދި ބަނޑާ ދިމާލުގައި ދޯޕައްޓާ އޮޅާ ގޮތުން ބަނޑު ފޮރުވަން މަސައްކަތް ކުރަނީ ކަމަށްވެސް ބައެއް މީހުން ލަފާ ކޮށްފައި ވެއެވެ.

އަނެއް ބަޔަކު ފާހަގަކުރީ އާއްމުކޮށް ޖިމަށް ދާތަން ފެންނަ ކެޓުރީނާ މިހާރަކަށް އައިސް އެއްގޮތަކަށް ވެސް ޖިމަށް ދާ ތަން ނުފެންނާތީ އެކަމެވެ.

"ތަންކޮޅެއް ފަލަވެފައި ހުރިހެން ވެސް ހީވޭ. އަނެއްކާ އެއްގޮތަކަށް ވެސް ޖިމް އަށް ދާތީ އެއް ނުފެނޭ. އަދި މި ދުވަސްކޮޅަކު އެއްވެސް ފިލްމެއްގެ ޝޫޓިންގްގައި ވެސް ބައިވެރިއެއް ނުވޭ ކެޓުރީނާއެއް،" ކޮމެންޓުކުރި މީހަކު ލިޔެފައި ވެއެވެ.

ނަމަވެސް ކެޓުރީނާ ބަނޑުބޮޑު ކަމެއް ނުވަތަ ނޫންކަމެއް އޭނާ އާއި ފިރިމީހާ އަދި އެ ދެ މީހުންގެ އާއިލާގެ އެއްވެސް މީހަކު ޔަގީންކޮށްދީފައެއް ނުވެ އެވެ.

ކެޓުރީނާ އާއި ވިކީ ކޯޝަލް ކައިވެނިކުރީ 2021ގެ ޑިސެމްބަރުގަ އެވެ. މި ދެ ތަރިން ކައިވެނިކުރީ ވަރަށް ސިއްރުން ރައްޓެހިވެގެން ދެ އަހަރެއްހާ ދުވަހު އުޅުމަށްފަހުގަ އެވެ.