ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ބޮޑުފިނޮޅު މައްސަލައިގައި ރިޒާއަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މައްޗަށް ތުހުމަތު ކުރާ ހިއުމަން ޓްރެފިކިންގެ މައްސަލާގައި ދައުވާކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ބ. ބޮޑުފިނޮޅު މައްސަލައިގައި މިމަހުގެ ހަތަރު ވަނަ ދުވަހު ދައުވާކޮށްފައިވާ ކަމަށެވެ. މެމްބަރު ރިޒާގެ މައްޗަށް އުފުލާފައި ވަނީ މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

މި ދެ ދައުވާ އުފުލި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، 2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އާރްއައިއެކްސް ކުންފުނީގެ ސްޕޮންސާޝިޕްގެ ދަށުން އެކި މަސައްކަތްތަކަށް ރާއްޖެ ގެނެސްފައިވާ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު މުސާރަނުދީ، ބިރުދައްކައި، ގާނޫނާ ހިލާފު މަޖުބޫރކޮށްގެން އެމީހުން އެކްސްޕްލޮއިޓްކޮށް އަދި އެމީހުން ޓްރެފިކްކޮށްފައިވާތީ ކަމަށެވެ. އަދި ދެވަނަ ދައުވާ އުފުލާފައި ވަނީ މި މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައިފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށް ރިޒާ ހުރަސް އަޅާފައިވާތީ ކަމަށެވެ.

މި މައްސަލައިގައި ނ. މާފަރު ބްލާސަމްގެ، ހަސަން އުމަރު އަދި ށ. މިލަންދޫ ރެޑްރޯސް، ނަސްރުﷲ އުސްމާންގެ މައްޗަށް ވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. މި ކުށް ސާބިތުވެއްޖެ ނަމަ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އަލީ ރިޒާ އާއި ބައިވެރިވެގެން މީހުން ޓްރެފިކްކުރުމުގެ ކުށުގައި ބައިވެރިވެފައި ވާތީ ކަމަށެވެ.

އެ ކުންފުނީގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު އެވެ. މި މައްސަަލައިގައި ދައުވާ ކުރުން ލަސްވީ އާ ހެކިތަކެއް ލިބިފައިވާތީ ކަމަށް ކުރިން ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ރިޒް ކުންފުނިން ލިޔެކިއުމެއް ނެތުމާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ. އެ މައްސަލަތައް ފެންމަތިވީ މުސާރަ ނުދީ ހަމަސް ދުވަސް ވެއްޖެ ކަމަށް ބުނެ ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެރަށުގައި ތިބި އެހެން ބައެއް ބިދޭސީންނާއި ބައެއް ދިވެހިން ރަހީނު ކުރުމާއި ގުޅިގެން ފުލުހުން އެރަށަށް އަރަން ދިއުމުން ފުލުހުންނާ ދެކޮޅަށް ހިންގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ކުރިއަށް ދިޔަ ތަހުގީގުގަ އެވެ.

މުސާރަ ނުދެވުނީ ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު ސީލް ކުންފުނިން އެ ވާހަކަތައް ދޮގު ކުރެ އެވެ.

އެ ހަމަނުޖެހުންތަކުގައި ރަށުގެ ތަންތަނަށާއި ރަށުގައި ހުރި ބައެއް މުދަލާއި ވަސީލަތްތަކަށާއި އާއި ރަށުގައި އަޅާފައިވާ ފެނުގެ ވިއުގަ އަށާއި، އެހެނިހެން ތަކެއްޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި 19 ބިދޭސީއަކު ހައްޔަރު ކުރުމަށް ފަހު ފަހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ހަތަރު މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށް ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ރިޒާ ވަނީ ކުރިން އެއްބަސްވެ ވަޑައިިގެންފަ އެވެ.