ކްރިމިނަލް ކޯޓް

ރިޒާ މައްސަލައެއްގައި ބިދޭސީ ހެއްކެއްގެ ބަޔާން ކުރިން ނަގަން އެދިއްޖެ

Sep 30, 2021

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް ތުހުމަތު ކުރާ ހިއުމަން ޓްރެފިކިންގެ މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެއްގެ ހެކިބަސް ކުރީބައިގައި ނެގުމަށް ހުށަހަޅައިފި އެވެ.

ބ. ބޮޑުފިނޮޅު މައްސަލާއާއި ގުޅިގެން ރިޒާ ހިމެނޭހެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ.

ދައުލަތުގެ ފަރާތުން ހެކިވެރިޔެއްގެ ހެކިބަސް ކުރިޔާލާ ނެގުމަށް އެދިފައިވަނީ އެ ހެކިވެރިޔާ ރާއްޖެއިން ބޭރަށް ފުރަން ޖެހިފައި އޮތުމުން ކަމަށް ވަނީ ބުނެފަ އެވެ. އޭނާ އަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށާއި މިވަގުތު ހުރީ ކޮންސްޓްރަކްޝަން ސައިޓެއްގައި ކަމުން އެންމެ ކައިރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ހެކިބަސް ނެގޭނެ އިންތިޒާމުތައް ފުލުހުން މެދުވެރިކޮށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް މި މައްސަލައިގައި ހިމެނޭ ބައެއް ހެކިވެރިންގެ ހެކިބަސް ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ކުރިމަތީގައި ތަހުގީގު މަރުހަލާގައި ނަގައިފައިވާނެ ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. އެއީ އެމީހުންގެ ބަޔާން ކަމަށާއި އެހެންކަމުން އެ ހެކިތައް ހުށަހަޅާނީ ކިތާބީ ހެކިންގެ ގޮތުގައި ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޝަރީއަތުގެ މިއަދުގެ މަޖިލީހަކީ ދައުލަތުގެ ފަރާތުން ކޮށްފައިވާ ދައުވާތައް ސާފުކޮށްދީ އަދި ދައުވާ ލިބޭ ފަރާތްތަކުން ދައުވާއަށް ޖަވާބުދާރީ ވުމަށް ބޭއްވި މަޖިލީހެކެވެ. ނަމަވެސް ދައުވާގައި ހަވާލާދީފައިވާ ގާނޫނުގެ މާއްދާއެއްގެ ނަންބަރަކަށް ބަދަލެއް ގެންނަން ދައުލަތުގެ ފަރާތުން ބޭނުންވާތީ އެކަން ލިޔުމުން ކޯޓަށް ހުށަހެޅުމަށާއި އެއަށްފަހު ދިފާއުން އެއަށް ޖަވާބުދާރީ ވުމަށް ވަނީ އިތުރު ފުރުސަތެއް ދީފަ އެވެ.

މިއަދު ބޭއްވުމަށް ހަމަޖެެއްސި ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ ބައި ދެން އޮންނާނީ އަންނަ މަހުގެ 26 ވަނަ ދުވަހު ކަމަށް ގާޒީ ގާޒީ ދީބާނާޒް ފަހުމީ ވަނީ ވިދާޅުވެފަ އެވެ.

ބޮޑުފިނޮޅު މައްސަލައިގައި މެމްބަރު ރިޒާގެ މައްޗަށް އުފުލާފައިވަނީ މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ނ. މާފަރު ބްލާސަމްގެ، ހަސަން އުމަރު އަދި ށ. މިލަންދޫ ރެޑްރޯސް، ނަސްރުﷲ އުސްމާންގެ މައްޗަށް ވެސް ވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. މި ކުށް ސާބިތުވެއްޖެ ނަމަ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.