ކްރިމިނަލް ކޯޓް

ދައުލަތުގެ ސްޓޭންޑް ބަދަލުވުމުން ދައުވާ ނުއިއްވުނު

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް ތުހުމަތު ކުރާ ހިއުމަން ޓްރެފިކިންގެ މައްސަލާގައި މިއަދުވެސް ދައުވާ އިއްވައި ޖަވާބުދާރީއެއް ނުވެވުނެވެ.

ޝަރީއަތުގެ މިއަދުގެ މަޖިލީހަކީ ދައުލަތުގެ ފަރާތުން ކޮށްފައިވާ ދައުވާތައް ސާފުކޮށްދީ އަދި ދައުވާ ލިބޭ ފަރާތްތަކުން ދައުވާއަށް ޖަވާބުދާރީ ވުމަށް ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ.

ދައުވާގައި ހަވާލާދީފައިވާ ގާނޫނުގެ މާއްދާއެއްގެ ނަންބަރަކަށް ބަދަލެއް ގެންނަން ދައުލަތުން ބޭނުންވުމުން މީގެ ކުރިން ބޭއްވި މަޖިލީހުގައި އެކަމަށް ގާޒީ ދީބާނާޒް ފަހުމީ ހުއްދަ ދެއްވި އެވެ. އެކަމަކު އެ ބަދަލު ލިޔުމުން ކޯޓަށް ހުށަހަޅަން ދިން ފުރުސަތުގައި އެ ބަދަލު ގެންނަން ބޭނުން ނުވާ ކަމަށް ފަހުން ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

އަޑުއެހުމުގެ މިއަދުގެ މަޖިލީހުގައި ދިފާއުން ވަނީ ދައުލަތުން ދައުވާ އިއްވުމަށް އިއުތިރާޒްކޮށްފަ އެވެ. ރިޒާގެ ދިފާއީ ވަކީލް އަލީ ސައީދު ވިދާޅުވީ ދައުލަތުން ބޭނުންވި ގޮތަށް ގާނޫނުގެ މާއްދާ ބަދަލުކުރަން ގާޒީ ހުއްދަ ދެއްވި ކަމަށާއި އިތުރަށް އެފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. ދައުލަތުގެ ސްޓޭންޑް ބަދަލުކުރުމަކީ ޝަރީއަތުގެ މަޖިލީސް "އެބިއުޒް" ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދިގު ބަހުސަކަށްފަހު ގާޒީ ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ޖިނާއީ އިޖުރާއަތްތަކުން ގާނޫނު ތަސައްވުރު ކުރާ ހާލަތެއް ނޫން ކަމަށެވެ. ދައުލަތުން އެދޭ ގޮތާ މެދު ދައުވާ ލިބޭ ފަރާތުން އިއުތުރާޒް ކުރާނަމަ އެކަމުގެ ސަބަބުތައް ބަޔާންކޮށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ލިޔުމުން އެ ސަބަބުތައް ހުށަހެޅުމަށް ދައުވާ ލިބޭ ފަރާތަށް ގާޒީ މިއަދު އެންގެވި އެވެ. ގާޒީ ވިދާޅުވީ ދިފާއުން ފާހަގަކުރި ނުކުތާތަކަށް ގޮތެއް ނިންމައިފައި ނޫނީ ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަކަށް ނުނިންމޭނެ ކަމަށެވެ.

އެހެންކަމުން ދިފާއުން ފާހަގަކުރާ ކަންކަން ލިޔުމުން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް އަދި ދައުލަތުން އެކަމަށް ޖަވާބުދާރީވާން އިތުރު 15 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ. ދައުވާ އިއްވުމުގެ މަރުހަލާ ކުރިއަށް ގެންދަން ނިންމާފައި ވަނީ އެކަމަށް ގޮތެއް ކަނޑައެޅުމަށް ފަހު އެވެ.

ބޮޑުފިނޮޅު މައްސަލައިގައި މެމްބަރު ރިޒާގެ މައްޗަށް އުފުލާފައިވަނީ މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ނ. މާފަރު ބްލާސަމްގެ، ހަސަން އުމަރު އަދި ށ. މިލަންދޫ ރެޑްރޯސް، ނަސްރުﷲ އުސްމާންގެ މައްޗަށް ވެސް ވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. މި ކުށް ސާބިތުވެއްޖެ ނަމަ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.