ރައީސް އޮފީސް

މުވައްޒަފުން ހާޒިރުވެގެން ސަރުކާރު އޮފީސްތައް ހިންގަން އަންގައިފި

Aug 6, 2021

އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިންމަވައިފި އެވެ.

ރައީސް ސޯލިހް އެގޮތަށް ނިންމަވާފައި މިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއްޔެ ނެރުނު އެންގުމުގައި، އެ އެޖެންސީން ކަނޑައަޅާފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް ސަރުކާރު އޮފީސްތަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރުމަށް ހުއްދަ ދިނުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން ވަނީ މުވައްޒަފުން އޮފީސް ތަކަށް ހާޒިރުވެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސެވި ނަމަވެސް މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމުގައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލުކުރުމަށް އަންގާފަ އެވެ.

ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމަށް ރައީސް އޮފީހުން ވަނީ އެދިފަ އެވެ. އަދި ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫން ގޮތަކަށް ރަސްމީ ގަޑީގެ ފަހުން އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ޚިދުމަތްތައް އެ ގޮތަށް ދެމުން ގެންދިޔުމަށާއި، އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިއުމަށްވެސް ރައީސް އޮފީހުން ވަނީ އޮފީސް ތަކަށް އަންގާފަ އެވެ. އަދި ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީ ގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައި ވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށް ވެސް ރައީސް އޮފީހުން ވަނީ އެދިފަ އެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ސިއްހީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ކަމަށް އެޗްޕީއޭ އިން ބުނާ ފިޔަވަޅުތައް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ސަރުކާރުގެ އިދާރާތަކުން ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ.

އޮފީސްތަކުން ކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓް ކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތް ކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒު ކުރުމުގެގޮތުން ލިޔެކިޔުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަލެސް" މަސައްކަތުގެ މާހައުލެއް އޮފީސް ތަކުގައި ގާއިމުކުރުމަށް މަސައްކަތް ކުރުމަށްވެސް ރައީސް އޮފީހުން އެދިފައިވެ އެވެ. އަދި ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އަންގާފަ އެވެ.