މޯލްޑިވްސް ޕޮލިސް ސާވިސް

ދިވެހި ހަތް ފުލުހަކު އައިޕީއެސް ޓްރެއިނިން ނިންމައިފި

Aug 6, 2021

އިންޑިއަން ޕޮލިސް ސާވިސް ޓްރެއިނިންގެ 71 އަދި 72 ވަނަ ޓްރެއިނިން ކޯހުން ދިވެހި ހަތް ފުލުހަކު ތަމްރީނު ހާސިލުކޮށްފި އެވެ.

އައިޕީއެސް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގަ އެވެ. /

ކޯސް ނިންމި ހަތް ފުލުހުންގެ ތެރެއިން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ނާޒިމް ވަނީ ޓްރޮފީ ފޯ އަންއާމްޑް ކޮމްބެޓް އަދި ރޮކް ކްލައިމްބިން އިން ވަނަ ހޯދައި ޓްރޮފީ ހާސިލުކޮށްފަ އެވެ.

މިއަދު ކޯސް ނިންމި ހަތް ފުލުހުންނަކީ މިހާތަނަށް ފޭސް 2 ފުރިހަމަ ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނު ދެ ބެޗުގެ ދިވެހި ދަރިވަރުން ކަމަށް ފުލުހުން ބުނެ އެވެ.

އައިޕީއެސް ޓްރެއިނިން އަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. އެތަމްރީނު ޕްރޮގްރާމްގައި ތަހުގީގު ކުރުމާއި، ފޮރެންސިކް ސައިންސްގެ އިތުރުން ކްރިމިނޮލޮޖީއާއި ގާނޫނުތަކާ އަދި އެނޫންވެސް ފުލުހުންގެ މަސައްކަތާ ގުޅޭ ބައިތަކުން ކިޔަވައިދީ ތަމްރީނުދެ އެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ލިބެ އެވެ. އެގޮތުން މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވެސް ވަނީ 2004 ވަނަ އަހަރު މި ތަމްރީނު ފުރިހަމަކޮަށްފަ އެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް ސަފުގައި ތިބި ވަރަށް ގިނަ ފުލުހުން ވެސް ވަނީ މި ތަމްރީނު ހަދާފަ އެވެ.

އައިޕީއެސް ޓްރެއިނިންގެ 73 ވަނަ ބެޗުގައި މިހާރުވެސް ދިވެހި ހަތަރު ފުލުހަކު ދަނީ ތަމްރީނު ހަދަމުންނެވެ. އަދި މި އަހަރު އިތުރު ފުލުހުން ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ރާއްޖެ އަށް ލިބިފަ އެވެ.