ފުޑް އެންޑް ޑްރަގް އޮތޯރިޓީ

އެމްބެސަޑާ ބްރޭންޑުގެ ވެޖެޓަބަލް ކްރީމް ނުވިއްކަން އަންގައިފި

ރާއްޖޭގައި ވިއްކަމުންދާ އެމްބެސަޑާ ބްރޭންޑްގެ "ވެޖެޓަބަލް ކްރީމް" ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން އެކަން މަނާކޮށް ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެމްބެސަޑާ ބްރޭންޑްގެ ވެޖެޓަބަލް ކްރީމް އުފެއްދުމުގައި "ލޯކަސްޓް ބީން ގަމް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެ އިންގްރީޑިއަންޓް "އެތިލީން އޮކްސައިޑް" ކިޔާ ނުރައްކާތެރި ކެމިކަލަކުން ތަގައްޔަރުވެފައިވާ ކަމުގެ މައުލޫމާތު ޔޫރަފްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށެވެ.

އެމްބެސަޑާ ބްރޭންޑްގެ ވެޖެޓަބަލް ކްރީމް ރާއްޖެ އެތެރެކޮށް ފައިވާތީ އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ގެއްލުމުގެ މިންވަރު ބަލަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އެ ބްރޭންޑްގެ ވެޖެޓަބަލް ކްރީމް ނުވިއްކުމަށާއި ބޭނުން ވެސް ނުކުރުމަށް އެމްއެފްޑީއޭއިން އަންގާފައި ވެއެވެ.

މި މަހުގެ އެކެއްގައި އެމްއެފްޑީއޭ އިން ވަނީ ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ ކުޑަކުދިންނަަށް ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މުޝީ ބްރޭންޑްގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސްނެކް ކަޕް" ނުވިއްކަން އަދި އެފަދަ ތަކެތި ބޭނުން ނުކުރުމަށް އަންގައިފަ އެވެ.