ވައިގެ ހާދިސާތައް

ފްލައިޓެއްގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް އެމަޖެންސީކޮށް ވިއައިއޭގައި ޖައްސައިފި

ގަތަރު އެއާވޭސްގެ ފްލައިޓެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސައިފި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ފްލައިޓް ގަތަރަށް ދިއުމަށްޓަކައި ވީއައިއޭ އިން ނައްޓާލީ މިރޭ 7:45 ހާއިރު އެވެ. ބޯޓުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ފްލައިޓް ނައްޓާލިތާ 40 މިނެޓް ފަހުންނެވެ.

ހާދިސާ ހިނގި ވަގުތު ފްލައިޓް އުދުހެމުން ދިޔައީ 40،000 ފޫޓް މަތިން ކަމަށް އެނގިފައިވެ އެވެ. ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ޕައިލެޓުން ތިބޭ ކޮކްޕިޓްގެ ވާތް ފަޅިން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ބޯޓު އެމަޖެންސީގައި ޖެއްސި ވަގުތު އެ ބޯޓުގައި ދަތުރުކުރަމުން ދިޔައީ ކިތައް ޕަސެންޖަރުން ކަމެއް ވެސް ސާފެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން އެމްއޭސީއެލްގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.