ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އިމެޖެންސީ ފްލައިޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް އެމެޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖެއްސި ގަތަރު އެއާވޭސްގެ ފްލައިޓް ކިއުއާރު 677ގެ ފްލައިޓުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވީއައިއޭއިން ރޭ 7:45 ހާއިރު ނައްޓާލި ގަތަރު އެއާވޭސްގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ފްލައިޓް ނައްޓާލިތާ 40 އަކަށް މިނެޓް ފަހުންނެވެ. އަދި ބޯޓު ފަހުން ވަނީ އެނބުރި ވީއައިއޭއަށް އައިސް އެމެޖެންސީގައި ޖައްސާފަ އެވެ.

އެމްއޭސީއެލްއިން ރޭ ކުރި ޓުވީޓެއްގައި ބުނީ ފްލައިޓުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

"ބޯޓު އަނބުރި އައިސް އެމެޖެންސީގައި ޖެއްސީ ރޭ 09:44 ގައި. ހުރިހާ ފަސެންޖަރުންނާއި ކްރޫއިންގެ ހާލު ވެސް ރަނގަޅު" އެމްއޭސީއެލްގެ ޓުވީޓުގައިވެ އެވެ. އެކަމަކު މިހާދިސާގެ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ގަތަރު އެއާވޭސް އިން ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ހާދިސާ ހިނގި ވަގުތު ފްލައިޓް އުދުހެމުން ދިޔައީ 40،000 ފޫޓް މަތިން ކަމަށް އެނގިފައިވެ އެވެ. ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ޕައިލެޓުން ތިބޭ ކޮކްޕިޓްގެ ވާތް ފަޅިންނެވެ.

ބޯޓު އެމަޖެންސީގައި ޖެއްސި ވަގުތު އެ ބޯޓުގައި ދަތުރުކުރަމުން ދިޔައީ ކިތައް ޕަސެންޖަރުން ކަމެއް އެމްއޭސީލް އަކުން ބުނެފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ރެޑްކްރެސެންޓްގެ ވޮލަންޓިއަރުން ވަނީ ސައިކޯ ސޯޝަލް ސަޕޯޓް ފަސެންޖަރުންނަށް ދީފަ އެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކަަށް ތަފާތު އިމެޖެންސީ ހާލާތު ދިމާވެ ވީއައިއޭ އަށް ޖައްސާފައިވެ އެވެ.