އެކްސިޑެންޓް

އެއާޕޯޓްގައި ނުރައްކާތެރި އެކްސިޑެންޓެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ އޮފިޝަލެއް އަވަސް އަށް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ މީގެއިރުކޮޅެއް ކުރިން ކަމަށެވެ. އަދި މިހާރު އެމްއޭސީއެލްގެ ސޭފްޓީ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވީ ކިތައް މީހުންނަށް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ދިރާގުގެ ކާރެއް ކޮންޓްރޯލް ނުވެގެން ގޮހެވެ. ކާރު ގޮސް ދެ މީހެއް ގައިގައި ޖެހުނު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ހާދިސާގެ ފޮޓޯ އާއި ވީޑިއޯ ވަނީ އަވަސް އަށް ލިބިފަ އެވެ. ވީޑިއޯ އިން ފެންނަނީ ކާރު، ޕޭވްމެންޓް މައްޗަށް އަރައިފައި އޮތް އިރު ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ މަންޒަރެވެ. އެކްސިޑެންޓާ ގުޅިގެން އެ ސަރަހައްދުގައި ހުރި ޓްރޯލީތަކެއް ވެސް ހަލާކުވެ ބިދޭސީއަކު އެ ސަރަހައްދަށް ވެއްޓިފައި އޮތްވާ ވެސް ފެނެ އެވެ.