ހުސައިން ޝަހީމް

ރައީސްގެ ޕާޓީ އޮޅިވަޑައިގަންނަވާނަމަ އެއީ އެ މެންބަރެއް އޮޅުން: ޝަހީމް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓަރީ ގުރޫޕްގެ އެއްވެސް މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގަންނަވާނަމަ އެވާ ގޮތަކީ އެ މެންބަރެއް އަމިއްލައަށް އޮޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ "ރައީސް ސޯލިހް ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމެއްވެސް ނޭންގޭ" ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ މެންބަރު އަދި އެމްޑީޕީގެ ހައެއް މެއި ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވުމާއި ގުޅިގެންނެވެ. އަފީފް މިހެން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަަމަލާއާ ގުޅޭގޮތުން ޓީވީ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަފީފް ވިދާޅުވީ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވީ އަދާލަތު ޕާޓީގެ މެންބަރުން ކަަމަށެވެ. އަދި ރައީސް ސޯލިހުވެސް އަދާލަތުގެ މެންބަރަކަށް ވެވަޑައިނުގަންނަވާ ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެކަން ރިޕޯޓްކޮށް ނޫހަކުން ލިޔެފައިވާ ހަބަރަކާއެކު ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ އެއްވެސް މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގަންނަވާނަމަ އެވާ ގޮތަކީ އެ މެންބަރެއް އަމިއްލައަށް އޮޅުން ކަމަށެވެ.

ޝަހީމަކީ ރައީސް ސޯލިހަށް ވަފާތެރި މެންބަރެކެވެ. އަދި އަފީފް ފާހަގަ ކުރެވިފައިވަނީ ރައީސް ނަޝީދަށް ވަފާތެރި މެންބަރެއްގެ ގޮތުގައެވެ. ދެ ރައީސުންގެ ވަފާތެރި މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ދަނީ ބަަދަލު ކުރަމުންނެވެ.