ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ނިންމާނީ ރިޔާސީ ޕްރައިމަރީއަކުން ކަމަށާ މިހާރު ހުންނެވި ރައީސަށް ތަބަކަކަށްލާފައި ރިޔާސީ ޓިކެޓް ދެވިދާނެ ކަަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ލިޔެފައި ނޯންނާނެ ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ މެންބަރަކަށް ވެއްޖެނަމަ އަދި އެއް ދައުރު ފުރިހަމަކޮށް އިތުރު ދައުރަކަށް އެ ބޭފުޅަކު ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެއީ ޑރ. އިބްރާހިމް ދީދީ އެ ޕާޓީގެ ރައީސަކަށް އަދި އަލްހާން ފަހްމީ ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރު ނިންމެވި ނިންމެވުމެއް ކަމަށްވެސް ވިދާޅުވެފައެވެ.
އެކަމާއި ގުޅޭގޮތުން ސަންގު ޓީވީގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮތް ގޮތުން ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ ޕްރައިމަރީއަކުން ކަމަށެވެ. އިންތިހާބުގައި ވާދަކުރަން ބޭނުންފުޅުނަމަ ކޮންމެ ބޭފުޅަކުވެސް ޕްރައިމަރީގައި ވާދަކޮށް ކުރި ހޯއްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ އެވަގުތަކު ހުންނަވާ ރައީސަކަށް ތަބަކަކަށްލާފައި ދޭ ގޮތަށް އޮންނަ ކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮންނާނީ ޕްރައިމަރީއަކަށް ދާންޖެހޭ ވާހަކަ. އެހެންވީމަ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅިއްޔާ ޕްރައިމަރީއަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ. އެއްގޮތަކަށްވެސް މިހާރު ހުންނަވާ ރައީސަކަށް ތަބަކަކަށް ލާފައި ދޭ ގޮތަކަށް ނޫން އޮންނާނީއެއް،"
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އަފީފު ވިދާޅުވީ އަސާސީ ގަވާއިދުގައި އެ ވާހަކަ ނެތް ކަމަށެވެ. އަސާސީ ގަވާއިދުގައި އޮތީ ޕްރައިމަރީއަކަށް ދާން ޖެހޭ ވާހަކަ ކަމަށް ވިދާޅުވެ އެ ވާހަކަ ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ބޮޑު ނަމަ ޕްރައިމަރީއަކަށްދާން ޖެހިލުންވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އެންމެ ތާއީދު ބޮޑު ކަމަށް ހީފުޅުވެވަޑައިގަންނަވަންޏާ ކީއްވެތޯ ދެން މި ކަމަށް ޖެހިލުންވެވަޑައިގަންނަވަންވީ، ޕްރައިމަރީ އަކަށް ދާން. އެއީ އެހާ ތާއީދު ބޮޑު ބޭފުޅަކަށްވަންޏާ،" މަޖިލީހުގެ ރިޔާސަތަށް ގެންނަވަން ރައީސް ސޯލިހް އިހްތިޔާރު ކުރެއްވި އަފީފް ވިދާޅުވިއެވެ.
2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ނިންމާނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. އެ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށައި ރިޔާސީ އިންތިހާބެއް އެ އަހަރު އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވި އެވެ.
މިއީ 2023 ގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާ އަދި ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެ މަނިކުފާނު ކަމަށް މިހާ ސާފުކޮށް ވިދާޅުވި ފުރަތަމަ ފަހަރެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި އިތުރު ދައުރަކަށް ކުރިމަތިލެއްވުމާއި ގުޅޭގޮތުން ދެ ފަހަރެއްގައި ރައީސް ސޯލިހާ ސުވާލު ކުރެވުނެވެ. ނަމަވެސް ސީދާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ ކޮންމެ ބޭފުޅަކަށްވެސް ދެ ޓާމަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު އޮތުމުން އެއީ އެމަނިކުފާނަށްވެސް ބަންދުވެފައިވާ ފުރުސަތެއް ނޫން ކަމަށެވެ.