ދުނިޔެ

ނުކުރާ ކުށަކަށް 23 އަހަރު ޖަލުގައި ހޭދަކުރަން ޖެހުނު މީހަކު ދޫކޮށްލައިފި

Nov 22, 2015

އެމެރިކާގައި "ގޯސްކޮށް ކުރި ހުކުމެއްގައި" ޖަލަށްލާފައި ހުރި މީހަކު 23 އަހަރު ފަހުން މިނިވަން ކޮށްފި އެވެ. ކަޅު ނަސްލުގެ އެމެރިކާ މީހެއް ކަމަށްވާ ރޮބަޓް ޖޯންސްގެ މައްޗަށް ދައުވާ އުފުލައި އުމުރަށް ޖަލަށް ލާން ހުކުން ކުރީ މީހަކު މެރުމާއި، ރޭޕް ކުރުމާއި ފޭރުމުގެ ކުށުގައެވެ.

މިހާރު އުމުރުން 42 އަހަރު ވެފައިވާ ޖޯންސްގެ މައްޗަށް 1992 ގައި ހުކުން ކުރީ އިނގިރޭސިވިލާތުގެ ޓުއަރިސްޓެއް ކަމަށްވާ ޖޫލީ ސްކޮޓް އަތުން ފޭރި، އޭނާ ރޭޕްކޮށް މަރާލިކަން ސާބިތުވާ ކަމަށް ބުނެއެވެ. އެކަމަކު އޭނާ ޖަލަށްލީ އިރުވެސް ހަމަ މި ކުށުގައި އެހެން މީހަކުވެސް ވަނީ އުމުރަށް ޖަލަށް ލާފައެވެ.

މި އަހަރު ޖޫން މަހު އެމެރިކާގެ ކޯޓަކުން ވަނީ ޖޯންސްގެ މައްޗަށް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ހުކުން ކޮށްފައެވެ. އެކަމަކު ދެން ވެސް އޭނާ ހުރީ މިނިވަން ނުކޮށެވެ.

މިދިޔަ މަހު ޖޯންސްގެ މައްސަލަ ތަހުގީގު ކުރި ޑިޓެކްޓިވް އާއި ޖޯންސްއަށް ހުކުން އިއްވި ޖަޖު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޖޯންސްގެ މައްޗަށް އޭރު އިއްވުނު ހުކުން އިންސާފުން އެއްކިބާވެފައިވާކަމަށް ގަބޫލު ކުރާ ކަމަށެވެ. ޖޯންސް ޖަލުން މިނިވަން ކުރުމަށާއި އޭނާގެ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް މިދިޔަ ހަފްތާގައި ވަނީ ހުކުން ކޮށްފައެވެ.

އެމެރިކާގެ ފުލުހުންނާއި ކޯޓުތަކުން ކަޅު މީހުންނާއި މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ރަސްމީ އިދާރާތަކަށް ވަރަށް ގިނައިން ފާޑު ކިޔުންތައް އަމާޒުވެއެވެ. މިގޮތުން "ބްލެކް ލައިވްސް މެޓަރ" އަކީ ކަޅު ނަސްލުގެ މީހުންނަށް އެމެރިކާ ފުލުހުންގެ ފަރާތުން ކުރިމަތިވާ އަނިޔާތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޓްރެންޑުވި ހޭޝްޓެގެކެވެ. – ބީބީސީ