ހުސައިން ޝަހީމް

ނަޝީދަށް އިންސާފު ލިބޭނެ، އެއީ 100 ޕަސެންޓް ޔަގީން ކަމެއް: ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އިންސާފު ލިބިވަޑަައިގަންނަވާނެ ކަމަށާ އެއީ 100 ޕަސެންޓް ޔަގީން ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެ އެވެ.

މެންބަރު ހުސައިން ޝަހީމް މިހެން ވިދާޅުވީ ރޭ ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުންނެވެ. "ރައީސް ނަޝީދަށް އިންސާފު ލިބިދާނެ ކަމަށް ގަބޫލުކުރަންތަ" މި މައުލޫއަށް ކުރިއަށް ގެންދިޔަ އެ ބައްދަލްވުމުގައި ބައިވެރިވި ވަރަށް ގިނަ ބަޔަކު ވަނީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއަށް އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފައްދާ ވާހަކަ ދައްކާފައެވެ. އަދި އެ ހަމަލާގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާއި ސަރުކާރުން އެ ހަމަލާއަށް ފަހު އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ހަމަލާގަައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކުރި އެކަކު ދައުވާއިން ސަލާމަތްވުމުން ފުލުހުންގެ ބަންދުން ދޫކޮށްލި ދޫކޮށްލުމާމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ މީހުން އިޝާރާތް އެ ކުރަނީ ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަހްމަދު ފާތިހަށް މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމާއި ގުޅިގެން ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލި ދޫކޮށްލުމަށެވެ.

އެ ކަންބޮޑުވުންތަކާއި އެކު ކްލަބް ހައުސްގައި ބައިވެރިވި ގިނަ ބަޔަކު ސުވާލު އަމާޒުކުރެއްވީ މެންބަރު ހުސައިންނަށެވެ. ސުވާލުތަކަށް ޖަވާބު ދެއްވަމުން ހުސައިން ވިދާޅުވީ ރައީސް ނަޝީދަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަަމަށެވެ. އަދި އެއީ 100 ޕަސެންޓް ޔަގީން ކަމެއް ކަމަށް ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ބަޔަކަށް ރައީސް ނަޝީދަށް އިންސާފު ލިބިވަޑައިނުގަންނަވާނެ ކަމަށް ހީފުޅުވީނަމަވެސް އެމަނިކުފާނަކީ މި ގައުމުގައި "ސުތުލި ގޯންޏެއް" ނޫން ކަމަށެވެ. އެއީ މިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާ އަދި އެއީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރެއް ކަމަށް ވިދާޅުވިއެވެ. އެފަދަ ބޭފުޅަކަށް އިންސާފު ނުލިބި ނުދާނެ ކަމަށް ވިދާޅުވިއެވެ.

ހުސައިން ވަނީ ފުލުސް ތަހުގީގަށް އިތުބާރު ކުރައްވާ ކަމަށާ ޓެރަރިސްޓް ހަމަލާއަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެކަމާއި ސުވާލުތަކާއި ޝައްކުތައް ނުއުފެއްދުމަށް އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް 13 ދައުވާއެއް މިހާރު ވަނީ އުފުލާފައެވެ. މެެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ.

އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ.

މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. އަދި ހަމަލާ ރޭވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު ކަމަށް ފުލުހުން ބުންޏެވެ.