ލައިފްސްޓައިލް

އަންހެނަކު ފޮށީ ހިފައިގެން އެއާޕޯޓަށް ދިޔައިރު ފުރަން އެއް އަހަރު އޮތް

ދުވަހަކުވެސް ފްލައިޓެއް ކެޓި ހެއްޔެވެ؟ ވަރަށް ގިނަ ބަޔަކަށް މި ތަޖުރިބާ ކުރެވިފައި ހުންނާނެކަން ޔަގީނެވެ. އެއް ފަހަރު ވެސް މިފަދަ ތަޖުރިބާއެއް ކުރެވިއްޖެނަމަ ދެން މިކަމަށް ހޭ އަރާ ކުރީބައިގައި އެއާޕޯޓަށް ދާން ވަރަށް ގިނަ މީހުން ސަމާލުކަން ދޭނެ އެވެ. ނަމަވެސް މި އަންހެންމީހާ އަށް އެއާޕޯޓަށް ދެވުނީ މާ ބޮޑަށް އަވަހަށެވެ. އެއީ ބޯޓު ފުރަން ދެ ތިން ހަތަރު ގަޑިއިރު ކުރިއަކުން ނޫނެވެ. އޭނާގެ ޓިކެޓުގައި އޭނާ ފުރަން އޮތް ތާރީޚަށް ވުރެ ބަރާބަރު އެއް އަހަރު ކުރިންނެވެ.

އިނގިރޭސި ވިލާތުގެ އެލްކްސިއާ ޕޯޓްމަން ނަމަކަށް ކިޔާ މި އަންހެންމީހާ ކްރޮއޭޝިޔާގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ހަމަޖެހިފައި އޮތީ އޭނާ ހިތުން އެ ދުވަހު އެވެ. އޭނާ ޓިކެޓް ނަގާފައި އޮތީ އީޒީޖެޓް ފްލައިޓަކުންނެވެ.

އަނބުރާ ރަށަށް ދިއުމަށް ފްލައިޓަށް އަރަން އެލެކްސިއާ އެއާޕޯޓަށް ދިޔައިރު އޭނާ ހީކުރީ ބޯޓު ފުރަން އޮތީ މަދު ގަޑިއިރުތަކެއް ކަމަށެވެ. ނަމަވެސް އެއާޕޯޓަށް ގޮސްފައި ރަނގަޅަށް ޓިކެޓް ބަލާއިރު ކަމަކު ދާކަށް ނެތެވެ. ބަރާބަރު އެއް އަހަރު ދުވަސް އޭނާ ފުރަން އަދި އެބައޮތެވެ. މިކަމާ ހެދި އެލްކްސިއާ މިހާރު ހުރީ ކްރޮއޭޝިއާގައި ތާށިވެފަ އެވެ.

ޓިކްޓޮކްގައި އެލްކްސިއާ ޝެއާ ކުރި ވީޑިއޯ އެއްގައި ފެންނަނީ މީހަކުވެސް ނެތް ފަޅު އެއާޕޯޓެއްގެ ބޭރުގައި އޭނާ އެކަނި މާއެކަނި އިށީނދެލައިގެން އިންދަ އެވެ. އޭނާގެ ކައިރީގައި ސޫޓްކޭސް ވެސް ހުއްޓެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ފްލައިޓް ބުކްކޮށްފައިވަނީ އަންނަ އަހަރުގެ މި ދުވަހަށް ކަން އެނގުނީ ފޮށި ޕެކް ކޮށްގެން އެއާޕޯޓަށް އައި ފަހުންނެވެ. އަދި އޭނާގެ އަތުގައި އެންމެ ފަހުން ހުރި ފައިސާކޮޅު އެއާޕޯޓަށް އައި ޓެކްސީއަށް ދީފައިވާ ކަމަށާއި މިހާރު އޭނާގެ އަތުގައި އެންމެ ފައިސާފޮއްޗެއް ވެސް އިތުރަށް ނެތް ކަމަށް އެލެކްސިއާ ބުނެފައި ވެއެވެ.

ޓިކްޓޮކްގައި އެލެކްސިއާގެ މި ޕޯސްޓް ވައިރަލްވެ ވަރަށް ގިނަ ބަޔަކު މި ޕޯސްޓަށް މަޖާ ކޮމެންޓްތައް ކޮށްފައި ވެއެވެ. ގިނަ ބަޔަކު ހީކުރީ މިއީ އެލްކްސިއާ ހަދައިގެން ދައްކާ ވާހަކައެއް ކަމަށާއި މިކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެއް އަހަރު ކުރިޔަށް އެއްވެސް އެއާލައިނަކުން ޓިކެޓް ބުކް ކޮށް ނުދޭނެކަމަށް ވެސް ބައެއް މީހުންގެ ކޮމެންޓްތަކުގައި ބުނެފައި ވެއެވެ.

ނަމަވެސް އީޒީޖެޓް ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުން ދަތުރުކުރާ މީހުންނަށް ސެޕްޓޭމްބަރު 2022 އާ ހަމައަށް ޓިކެޓް ބުކް ކޮށްދެ އެވެ. އެހެންވީމާ އެލެކްސިއާ މި ދައްކަނީ ދޮގު ވާހަކައެއް ކަމަށް ބުނުމުގެ ޗާންސެއް ވެސް ނެތެވެ.

އެލެކްސިއާގެ ޕޯސްޓް ފެނިގެން ބަޔަކު އޭނާއަށް އެހީވި ކަމެއް ނުވަތަ އޭނާ އަދިވެސް ކްރޮއޭޝިއާ އެއާޕޯޓުގައި ހުރީ ކަމެއް ސާފުނުވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ބެލެވޭ ގޮތުގައި އެލެކްސިއާގެ ޓިކެޓުގައި މި ގޮތަށް ޖެހިފައިވަނީ ޓިކެޓް ދޫކުރި މީހާއަށް އެރި އޮޅުމަކުންނެވެ. އަދި އެލެކްސިއާ އަށް ވެސް އެ ކަން ފާހަގަ ކުރެވިފައި ނެތީމަ އެވެ.