ލައިފްސްޓައިލް

ނިދާފައި ހުރެގެން ދަތްއުނގުޅާ ބުރުހެއް ދިރުވާލައިފި

ރޭގަނޑު ރަނގަޅަށް ނުނިދިއްޖެނަމަ ހެނދުނު ހޭލައިގެން އަތުން ފައިން ގޯސް ހެދުން އެކަށީގެންވެ އެވެ. ޗައިނާގެ މީހަކަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. އެމީހާ ވެސް ރޭގަނޑު ރަނގަޅަށް ނުނިދުމުން ހެނދުނު ހޭލައިގެން ފާޚާނާއަށް ވަންއިރުވެސް ހުރީ ނިދިފަ އެވެ. އެމީހާއަށް ރަނގަޅަށް ހޭވެރިކަންވީ ދަތް އުނގުޅަން ހުރެފައި ބުރުސް ދިރުވާލެވުމުން އެ ލިބުނު ވޭނުންނެވެ.

ވަގުތުން އެމީހާ ހޮސްޕިޓަލަށް ގޮސް އިމަޖެންސީކޮށް ސާޖަރީ ހަދައި ބުރުސް ވަނީ ނަގާފަ އެވެ. ޗައިނާގެ ނޫހަކުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ މީގެ ދެ ހަފުތާއެއް ކުރިންނެވެ.

ޗައިނާގެ ޖިއަންގްސޫ ޕްރޮވިންސްގެ ޓައިޒޫގައި ދިރިއުޅޭ މި މީހާ އާދަކޮށް ކޮންމެ ދުވަހަކުވެސް ހެނދުނު ސައި ބުއިމުގެ ކުރިން ދަތް އުނގުޅާ ގޮތަށް އެ ދުވަހު ވެސް ހެނދުނު ހޭލައިގެން ދަތް އުނގުޅަން ފާޚާނާއަށް ވަނީ އެވެ. ނަމަވެސް ނިންޖައިގެން ގޮސް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި އެމީހާ ދަތްއުނގުޅަން ހުރެފައި ބުރުސް ދިރުވާލެވުނީ އެވެ. ބުރުހުގެ ދިގުމިނުގައި 15 ވަރަކަށް ސެންޓިމީޓަރު ހުރި ނަމަވެސް އެހާ ފަސޭހައިން އެމީހާއަށް އެ ދިރުވާލެވުނު ގޮތެއް ނޭނގެ އެވެ.

ބުރުސް ދިރުވާލެވުމުން އެމީހާ ކަރުބުޑަށް އަތް ކޮއްޕައިގެން ބުރުސް ނެގޭތޯ ވަރަށް މަސައްކަތްކުރި ކަމަށް ވެއެވެ. ނަމަވެސް އޭނާ ކަރުބުޑަށް އަތް ކޮއްޕާ ވަރަކަށް ބުރުސް ދިޔައީ އަޑިއަށެވެ.

ހޮސްޕިޓަލުގެ ޑޮކްޓަރުން ފުރަތަމައިނުން ވެސް އެކްސްރޭ ނަގައި އެމީހާގެ ބުރުސް އިން ގޮތެއް ބެލި އެވެ. ބުރުސް އިނީ ވަރަށް ބޮޑަށް އެތެރޭގައި ކަމުން އިމަޖެންސީ ގެސްޓްރޮސްކޮޕިކް ސާޖަރީއެއް ހަދައިގެން އެ ބުރުސް ވަނީ ނަގާފަ އެވެ. އެ ބުރުހަކީ ވަރަށް އޮމާން ޕްލާސްޓިކަކުން ހަދާފައިވާ ބުރުހަކަށް ވާތީ ސާޖަރީ ހަދައިގެން ބުރުސް ނަގަން ވެސް ޑޮކްޓަރުންނަށް އުނދަގޫވި އެވެ. ސަބަބަކީ ބުރުސް އޮމާންކަމުން އޭގައި ހިފާއިރަށް ސޮއްސާލާތީ އެވެ. އެންމެ ފަހުން ބުރުހުގެ ނަރުތައް ހުރި ތަނުގައި ހިފައިގެން މަޑުމަޑުން އޭތި ނެގީ އެވެ.

މި މީހާގެ ސާޖަރީ ހަދައި ކާމިޔާބު ކަމާއެކު އެ ބުރުސް ނެގުނު ނަމަވެސް ނިންޖައިގެން ގޮސް މީހަކަށް ބުރުހެއް ދިރުވާލެވުނީތީ ޑޮކްޓަރުން ތިބީ ޝޮކްގަ އެވެ.

އެމީހާއަށް ފަރުވާ ދިން ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އިތުރަށް ބުރުސް ނެގޭތޯ ގޭގައި ހުރެގެން މަސައްކަތް ނުކޮށް ވަގުތުން ހޮސްޕިޓަލަށް އަންނަން އެމީހާ ނިންމި ނިންމުމަށް ތައުރީފުކޮށްފަ އެވެ. އެމީހާ އިތުރަށް ގޭގައި މަޑުކުރިނަމަ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. އަދި ބައެއް ކަހަލަ ހޯމް ރިމެޑީޒްގެ އެހީގައި ބުރުސް ނަގަން އުޅުނުނަމަ ކާއެއްޗެތި ދާ ހޮޅިއަށް ގެއްލުން ވުމުގެ ނުރައްކަ ބޮޑު ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.