ބަންގްލަދޭޝްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ކައިވެނި ޕާޓީއަކަށް ހޮނު އެޅުމުގެ ސަބަބުން މަދުވެގެން 17 މީހުން މަރުވެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.
މި ޕާޓީ އޮތީ އެ ގައުމުގެ އުތުރުހުޅަނގުގައި އޮންނަ ޝިބްގަންޖް އަވަށުގެ ޕަދްމާ ކޯރު ތެރޭ އޮތް ބޯޓެއްގަ އެވެ.
ބަންގްލަދޭޝް ފުލުހުން ބުނި ގޮތުގައި މި ބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހަކު މަރުވިކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އަދި އެތައް ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު މީހުންގެ ތެރޭގައި ކައިވެނިކުރި ފިރިހެން މީހާ ވެސް ހިމެނެ އެވެ.
ހޮނު އެޅުމުގެ ސަބަބުން ބަންގްލަދޭޝްގައި ކޮންމެ އަހަރަކުވެސް އެތައް ބަޔަކު މަރުވެ އެވެ. ހޮނު އެޅިލެއް ގިނަ ކަމުން 2016 އަކީ ގުދުރަތީ ކާރިސާތަކުގެ އަހަރެއްގެ ގޮތުގައި އެ ގައުމުން އިއުލާން ކޮށްފައިވެ އެވެ.
ޚާއްސަކޮށް އެ އަހަރުގެ މޭ މަހުގެ ތެރޭގައި 200 ވަރަކަށް މީހުން އެ ގައުމުގައި ހޮނު އަޅައިގެން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. މީގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި މަރުވި 82 މީހަކު ހިމެނެ އެވެ.
ބަންގްލަދޭޝްގައި އެންމެ ގިނައިން ހޮނު އެޅުމުގެ ހާދިސާތައް ހިނގަނީ ހޫނު މޫސުމުގެ ދުވަސްތަކުގަ އެވެ. ޚާއްސަކޮށް މާޗް މަހާއި ޖުލައި މަހާ ދެމެދުގެ ދުވަސްތަކުގަ އެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހޮނުއެޅުމުގެ ހާދިސަތައް ގިނަ ވަނީ ޖަންގަލީގެ ގަސްތައް ކަނޑާލެއް ގިނަކަމުން އުހަށް ހެދިފައި ހުންނަ ބޮޑެތި ގަސްތައް މަދުވުމުންނެވެ. ދިގު ގަސްތައް ގިނަ ނަމަ ގިނަ ފަހަރަށް ހޮނު އަޅާނީ އެފަދަ ގަސް ގަހަށް ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.
ބަންގްލަދޭޝް ނޫނަސް އިންޑިޔާ ފަދަ ގައުމުތަކުގައި ވެސް ހޮނު އަޅައިގެން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މީހުން މަރުވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.