ބޮލީވުޑް ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ބަތަލާ އަކީ ކާޖޮލް ކަމާ މެދު ޝައްކެއް ވެސް ނެތެވެ. "ބޭޚުދީ"އިން ބޮލީވުޑަށް ތައާރަފްވި ކާޖޮލްގެ ދިގު ފިލްމީ ކެރިއަރުގައި އޭނާއަށް ލިބިފައިވާ އެންމެ މޮޅު ބަތަލާގެ ގިނަ އެވޯޑުތައް އޭނާގެ ހުނަރަށް ހެކި ދެ އެވެ.
އެކްޓިން ހުނަރާ އެއްވަރަށް ކާޖޮލްގެ ފޮނިކަމުގެ ވާހަކަވެސް ބޮލީވުޑްގައި މަޝްހޫރެވެ. ޚާއްސަކޮށް ފޭނުންނާ ދޭތެރޭ އޭނާ ކަންތައްކުރާ އިހާނެތި ގޮތްތަކުގެ ވާހަކަ ދޭތެރެއަކުން އިވެމުން ދެއެވެ. މިފަހަރުވެސް ދިމާވެގެން އުޅެނީ މިފަދަ ކަމެކެވެ.
މި ހިނގާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ކާޖޮލް ވަނީ އޭނާގެ 47 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފަ އެވެ. ކާޖޮލްގެ އުފަން ދުވަހު އޭނާގެ ފޭނުން ވަނީ ޚާއްސަ ކޭކެއް ތައްޔާރުކޮށް ކާޖޮލް ދިރިއުޅޭ ގޭދޮށަށް ގޮއްސަ އެވެ. އުފަންދުވަސް ފާހަގަކުރަން އައި ފޭނުންނާ ބައްދަލުކުރަން ކާޖޮލް އެތަނަށް އައި ނަމަވެސް އޭނާގެ އަމަލުތައް ބަހައްޓާފައިވަނީ ވަރަށް ފޮނި މީހުން ކަންތައް ކުރާ ގޮތަށެވެ.
މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ ވީޑިއޯގައި ކާޖޮލް އައިސް ކޭކު ފަޅާ މަންޒަރާއި ދެން އޭނާ ކަންތައް ކުރި ގޮތް ވަރަށް ރީއްޗަށް ފެނެ އެވެ.
ކޭކު ފަޅަން އުޅުނު ވަގުތު ކާޖޮލް އުޅުނު ވައްތަރު ފެނިފައި މި ވީޑިއޯ ބެލި ގިނަ ބަޔަކު ވަނީ ކާޖޮލް ދެކެ ވަރަށް ރުޅިއައިސްގެން ސޯޝަލް މީޑީއާގައި އޭނާއަށް ވަރަށް އެތިވަރު ގޮވާފަ އެވެ. ގިނަ ބަޔަކު ބުނެފައިވަނީ ކާޖޮލް އަކީ ވަރަށް 'ފޮނި އަންހެނެއް' ކަމަށެވެ.
ފޮނި އަންހެނެކޭ ފޭނުން ބުނީ ހުދުކުލައިގެ ގައުންއެއް ލައިގެން ހުރި ކާޖޮލް ކޭކު ފެޅިއިރު މާސްކް އެއްގޮތަކަށް ވެސް ތިރިކޮށް ނުލާ ހުރުމުންނާއި އެހެން މީހުންނާ ކައިރި ނުވެ ގައިދުރުކަން ބެހެއްޓީމަ އެވެ. އަދި ކޭކު ފެޅިޔަސް އޭގެން އެންމެ އެތިކޮޅެއް ވެސް ކާން އޭނާ ދެކޮޅު ހެދީމަ އެވެ.
ވީޑިއޯ އަށް ކޮމެންޓުކުރި ބައެއް މީހުން ބުނީ ކާޖޮލްގެ ބައެއް ފޭނުން ވަރަށް މަސައްކަތުން އޭނާގެ އުފަން ދުވަސް ފާހަގަކުރަން އޭނާގެ ގޭދޮށަށް ދިޔަ ނަމަވެސް އެކަމާ ކާޖޮލް އެއްވެސް ވަރަކަށް އުފާވިހެން ހީނުވާ ކަމަށެވެ. އަދި ނިކަމެތި ފޭނުން އެތައް ވަގުތެއް ނަގާލައިގެން ކުރި މަސައްކަތް ކާޖޮލް ބަލައިގެން ކަމަށް ހީނުވާ ކަމަށް ވެސް ކާޖޮލް އަށް ފާޑުކީ ބައެއް މީހުން ބުންޏެވެ.
"ހިތަށް އަރާ ޑިސްލައިކް ބަޓްން އެއް މި ވީޑިއޯގެ ތިރީގައި އިން ނަމައޭ. ހާދަ ފޮނި ބޮޑޭ،" އެހެން މީހެއްގެ ކޮމެންޓުގައި ވެއެވެ.
ފޭނުންގެ ވަގުތާއި މަސައްކަތް ބަލައިނުގަންނަ މީހުން ކައިރިއަށް ވަގުތު ބޭކާރު ކޮށްގެން ދިއުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ކޮމެންޓު ކުރި އިތުރު މީހަކު ބުނެފައި ވެއެވެ.
"އެންމެ ކުޑަމިނުން އެތަނަށް ގޮސް ތިބި ކުޑަ ކުދިންނަށް ކޭކުކޮޅެއް ކާން ދިން ނަމަވެސް ވާނީ ކީއް؟ އެ ވަރުވެސް އޭނާ ކޮށް ނުލި. ސެލެބްރިޓީން އެމީހުންގެ ފޭނުންގެ އިހްސާސް ތަކަކަށް އިހްތިރާމެއް ނުކުރޭ،" ޓްރިންކެޓް ލޭޑީގެ ނަމުގައި ކޮމެންޓުކުރި މީހަކު ލިޔެފައި ވެއެވެ.