ބޮލީވުޑް

"ޖަލަކް ދިކް ލާޖާ 10"ގެ ޖަޖަކަށް ކާޖޮލްގެ ބަދަލުގައި މާދުރީ

ފަސް އަހަރު ވަންދެން ނުދައްކާ އޮތުމަށްފަހު "ޖަލަކް ދިކް ލާޖާ"ގެ 10 ވަނަ ސީޒަން ފަށަން ތައްޔާރު ވެއްޖެ އެވެ.

ކުރިން ފެތުރުނު ޚަބަރުތަކުގައި ބުނެފައިވަނީ މި ފަހަރުގެ ސީޒަންގެ އެއް ޖަޖަކަށް ކާޖޮލް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކާޖޮލްގެ ބަދަލުގައި ޖަޖަކަށް ހަމަޖެހިފައިވަނީ މާދުރީ ޑިކްޝިޓް ކަމަށެވެ.

މާދުރީ ވަނީ 2014 ވަނަ އަހަރާ ހަމައަށް ދެއްކި ހުރިހާ ސީޒަނެއްގައި ވެސް ޖަޖެއްގެ ގޮތުގައި ބައިވެރިވެފަ އެވެ. އޭގެ ފަހުގެ ސީޒަންގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވީ ޖެކްލީން ފެނާންޑިސް އާއި ޝާހިދު ކަޕޫރެވެ. ނަމަވެސް މިފަހަރުގެ ސީޒަންގައި ޝާހިދާއި ޖެކްލީން ބައިވެރިނުވާނެ އެވެ.

އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި ސެޕްޓެމްބަރު މަހު ފަށަން ހަމަޖެހިފައިވާ މި ސެލެބްރިޓީ ޑާންސް ޝޯގެ ޖަޖެއްގެ ގޮތުގައި މާދުރީ ވަރަށް ފަހުން ވަނީ ސޮއިކޮށްފަ އެވެ.

ޝޯގައި ކާޖޮލް ބައިވެރިނުވާން ނިންމި ސަބަބެއް ނޭނގެ އެވެ. އަދި ޝޯގައި މިފަހަރު ޖަޖްކަން ކުރާނެ އެހެން ފަނޑިޔާރުންގެ ނަންތައް ވެސް އަދި އިއުލާނެއް ނުކުރެ އެވެ.

"ޖަލަކް ދިކްލާ ޖާ"ގައި ނެށުމަށް ހޮވަނީ ޓީވީ އާއި ފިލްމު އެކްޓަރުންގެ އިތުރުން އެކި ފަންނު ފަންނުގައި އަރާ ތިބި ސެލެބްރިޓީންނެވެ. ޝޯ އަށް ހޮވޭ ކޮންމެ ސެލެބްރިޓީއަކަށް ކޯރިއޮގްރާފަރެއް ދެ އެވެ. އަދި އެމީހަކު ނަށާނީ އެ ކޯރިއޮގްރާފަރާ އެކުގަ އެވެ.