ބޮލީވުޑް

އަހަރެން ކަޅޭ، ފަލައޭ ކިޔައި މީހުން މަލާމާތްކުރި: ކާޖޮލް

ކެރިއަރުގެ ކުރީކޮޅު ވަރަށް ގިނަ ބަޔެއްގެ މަލާމާތާއި ފާޑުކިޔުން އަމާޒުވީކަމަށް ކުޅަދާނަ ބަތަލާ ކާޖޮލް ބުނެފި އެވެ.

"ކުޗް ކުޗް ހޯތާ ހޭ"ފަދަ ރީތި ފިލްމުތައް ކުޅެފައިވާ ބަތަލާ ކާޖޮލް ބުނި ގޮތުގައި އޭނާގެ ހަންގަނޑު ދޮންކޮށް ރީތިކުރަން އެއްވެސް ސާޖަރީއެއް ހަދާފައެއް ނުވާނެ އެވެ. އަދި އޭނާގެ ސިފަޔަށް އަބަދާ އަބަދު މަލާމާތް ރައްދުވަމުން ދިޔައިރުވެސް އޭނާ ހިތްވަރާއެކު ފިލްމީ މަސައްކަތައިގެން ކުރިޔަށް ދިޔައީ ކަމަށް ކާޖޮލް ބުންޏެވެ.

"ހިއުމަންސް އޮފް ބޮމްބޭ" އަށް ދިން އިންޓަވިއު އެއްގައި ކާޖޮލް ބުނީ ފިލްމު ކުޅެން ފެށިތާ ކުރީކޮޅު އޭނާ ހުރީ ފަލަކޮށް އަދި ހަންގަނޑު ވެސް ހުރީ ވަރަށް ކަޅުކޮށެވެ. އަދި އަބަދު އޭނާ އުޅެނީ އައިނު އަޅައިގެންނެވެ. އެކަމާ ވަރަށް ގިނަ ބަޔަކު އެކި ފާޑު ފާޑު އެއްޗެތި އޭނާއަށް ދިމާލަށް ބުނެފައިވާކަމަށް ވެސް ކާޖޮލް ބުންޏެވެ.

"މީހުން ކިޔާ އެއްޗިއްސަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަން. އަހަރެންނަށް އެނގޭ އަހަރެން ވަރަށް ސްމާޓްވެފައި ކޫލްކަން. އަދި އަހަރެންނާ ދިމާލަށް ނެގެޓިވް ވާހަކަތައް ދައްކާ މީހުންނަށް ވުރެ މާ މޮޅުކަން ވެސް އަހަންނަށް އެނގޭ. އެހެންވެ މީހުން ކިޔާ އެއްޗެތިން އެއްވެސް އަސަރެއް ނުކުރާ ކަމަށް ހަދައިގެން ކެރިއަރުގައި ކުރިއެރުން ހޯދަން މަސައްކަތް ކުރަމުން ގެންދިޔައީ،" ކާޖޮލް ބުންޏެވެ.

ކާޖޮލް ފަހުން ހަންގަނޑު އަލިކޮށް ރީތިކުރަން ސާޖަރީ ހެދި ކަމުގެ ޚަބަރުތައް ތަންކޮޅެއް ކުރިން ވަރަށް ގަދަޔަށް ދެކެވުނެވެ. ނަމަވެސް މި ވާހަކަ ކާޖޮލް ދޮގުކުރެ އެވެ. އޭނާ ބުނި ގޮތުގައި ހަންގަނޑު ރީތިކުރަން އޭނާ ސާޖަރީއެއް ނަހަދަ އެވެ. ކުރިހާ ވެސް ކަމަކަށްވީ އަވީގައި ނުޖެހި އުޅުމެވެ.

"ގާތްގަނޑަކަށް 10 އަހަރު ވަންދެން އަހަރެންނަށް މަސައްކަތްކުރަން ޖެހުނީ ރަތްދަކަ އަވީގައި. އެހެންވެ އަހަރެންގެ ހަންގަނޑު ހުންނަނީ އޭރު ވަރަށް ބޮޑަށް އަނދާފައި. މިހާރު އެއްގޮތަކަށްވެސް އަހަރެން އަވީގައި މަސައްކަތެއް ނުކުރަން. އެހެންވެ ހަންގަނޑު ރީތިވެ ކުލަ އަލިވީ. އެކަން ވީ ސްކިން-ވައިޓްނިން ސާޖަރީ އަކުން ނޫން. ސްޓޭ-އެޓް-ހޯމް ސާޖަރީ އިން،" ޖޯކަކަށް ހަދާފައި ކާޖޮލް ބުންޏެވެ.