ބޮލީވުޑް

ބައްޕަ އަހަންނަށް ކިޔަން އުޅުނީ މާސިޑީޒް: ކާޖޮލް

ކުޑައިރުގެ ބައެއް ހަނދާން ތަކަކީ ދުވަހަކުވެސް ނުފިލާ ހުންނަ ހަނދާން ތަކެކެވެ. ކާޖޮލްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި އޭނާގެ ކުޑައިރުގެ މިފަދަ ހަނދާނެއް އާކޮށްފައިވެ އެވެ.

ކާޖޮލް ބުނި ގޮތުގައި އޭނާއަށް ކިޔަން އޭނާގެ ބައްޕަ ޝޯމޫ މުކަރުޖީ ބޭނުންވީ މާސިޑީޒް އެވެ. ސަބަބަކީ އެ ނަން ބައްޕަ އަށް މާރީތިވެފައި މަގްބޫލު ނަމަކަށް ވީމަ ކަމަށް ވެސް ކާޖޮލް ބުންޏެވެ.

"ބައްޕަ ބޭނުންވީ އަހަންނަށް މާސިޑިޒް ކިޔަން. އެއީ މާސިޑީޒް ކާރު ދެކެ އޭނާ ވާ ލޯތްބަކުން. އަސްލު މާސިޑީޒް ކާރު އުފައްދާ ކުންފުނީގެ ވެރިޔާ އެ ކާރަށް ނަން ދީފައިވަނީ އެ މީހާގެ ދަރިފުޅުގެ ނަމުން. އެހެންވެ ބައްޕަ ވެސް އެ ނަން ކިޔަން ބޭނުންވީ،" ކާޖޮލް ބުންޏެވެ.

ނަމަވެސް ކާޖޮލްގެ މަންމަ އެކަމާ ދެކޮޅު ހަދައި އެ ނަން ކިޔަ ނުދިނީ އެވެ. ކާޖޮލްގެ އަސްލު ނަމަކަށް ކިޔާފައިވަނީ ކަޖްލީމާ މުކަރުޖީ އެވެ. ކާޖޮލް އަކީ އޭނާގެ ފިލްމީ ނަމެވެ.

ކާޖޮލް އިތުރަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ މަންމަ އަކީ ވަރަށް ހަރުކަށި މީހެކެވެ. ކުޑައިރު ބަތްކާ ތަށި ފަދަ ތަކެތިންނާއި ބެޑްމިންޓަން ރެކެޓުން ވެސް މަންމަ އޭނާގެ ގައިގައި ޖަހާ ކަމަށް ކާޖޮލް ބުންޏެވެ.

ކާޖޮލްގެ މަންމަ ތަނޫޖާ އަކީ މަޝްހޫރު ބަތަލާ އެކެވެ. އަދި ބައްޕަ ޝޯމޫ އަކީ ފިލްމު ޑައިރެކްޓަރެކެވެ. ދެ މީހުން ލޯބިވެ ކައިވެނިކުރީ 1973 ވަނަ އަހަރު އެވެ. މި ދެ މީހުންނަށް ދެ އަންހެން ދަރިން (ކާޖޮލް އާއި ތަނީޝާ މުކަރުޖީ) ލިބިފައި ވެއެވެ.

ކާޖޮލް ބުނި ގޮތުގައި އޭނާގެ މައިންބަފައިން ވަރިވިއިރު އޭނާއަށް އެންމެ ހަތަރު އަހަރެވެ. އޭގެ އެތައް އަހަރެއް ފަހުން 2008 ގައި ކާޖޮލްގެ ބައްޕަ ޝޯމޫ ވަނީ ހާޓް އެޓޭކެއް ޖެހި މަރުވެފަ އެވެ.