ކާޖޮލް އާއި ވިޝާލް ޖެތުވާ ދެމައިންގެ ރޯލު އަދާކޮށްފައިވާ "ސަލާމް ވެންކީ" ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު ފިލްމަށް ތައުރީފު އޮހެމުން އެބަދެއެވެ. ރެވާތީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބަލަން ސިނަމާ ހޯލްތަކަށް ވަންނަ މީހުން ނުކުންނަނީ ރޮއިރޮއި ގޮސް ދެލޯ ރަތްވެގެންނެވެ. އެހެންކަމުން މި ފިލްމު އަދި ނުބަލާނަމަ ފިލްމު ބަލާއިރު ކޮންމެހެންވެސް ޓިޝޫ ފޮއްޓެއް ހިފައިގެން އިނުން މުހިއްމެވެ.
ކާޖޮލް އާއި ވިޝާލްގެ އިތުރުން އާމިރު ޚާނާއި ރަޖީވް ކަންޑެލްވާލްގެ މެހެމާން ރޯލެއް ފިލްމުގައި ހިމެނެ އެވެ. އަދި ރާހޫލް ބޯސް އާއި ޕްރަކާޝް ރާޖާއި އާހަނާ ކުމްރާ ވެސް މި ފިލްމުގައި ވަރަށް މުހިއްމު ރޯލުތަކެއް ކުޅެފައިވެއެވެ.
ވަރަށް އަސަރުގަދަ މި ޑްރާމާގައި ކިޔައިދެނީ ގަދަވާނެކަމުގެ އުންމީދު ކަނޑާލާފައިވާ ޒުވާން ފިރިހެންކުއްޖެއް ކަމަށްވާ ވެންކަޓޭޝަން (ވެންކީ)ގެ ވާހަކަ އެވެ. ޑީއެމްޑީ ކިޔާ ބައްޔެއް ޖެހި އޭނާ އޮންނަނީ މަރުގެ ތުންފަތްމަތީގަ އެވެ. އަދި މަރުވުމުގެ ކުރިން އޭނާގެ ގުނަވަންތައް ހަދިޔާކުރަން ވެންކީ ބޭނުންވެ އެވެ. ނަމަވެސް މިކަން ވާން އަންނަނީ އިއުތެނޭސިއާ (ބަލި ރަނގަޅުވާނެކަމުގެ އުންމީދެއް ނެތް މީހުންގެ ތެރެއިން ގައިގައި އަޅާ ވޭނަށް ކެތް ނުކުރެވޭ މީހުން އިންޖެކްޝަން ޖަހައިގެން ގަސްތުގައި މަރާލުން) ހެދުމުގެ ހުއްދަ ލިބިގެންނެވެ.
މިފަދަ ކަމެއް ދަރިފުޅަށް ކުރާކަށް އެއްވެސް މަންމައަކު ބޭނުމެއް ނުވާނެއެވެ. ސުޖާތާ (ކާޖޮލް) ވެސް މިކަމާ ދެކޮޅު ހަދަ އެވެ. އަދި ދަރިފުޅު ވީހާވެސް ގިނަ ދުވަހު ދުނިޔޭގައި އޮވޭތޯ އޭނާއަށް ކުރެވުނު މަސައްކަތެއް ކުރަން ގަސްތުކުރެ އެވެ.
ފިލްމުގެ ވަކި ހިސާބަކުން ކާޖޮލް އޭނާގެ ދަރިފުޅުގެ އެންމެ ފަހުގެ ވަސިއްޔަތް ފުރިހަމަ ކުރެވޭތޯ މަސައްކަތް ފަށަ އެވެ. މިކަމުގައި އޭނާއަށް އެހީތެރިވަނީ ޑރ. ޝޭކަރް (ވެންކީގެ ޑޮކްޓަރު) އާއި ގާނޫނީ ވަކީލު (ރާހޫލް ބޯސް) އަދި ޖާނަލިސްޓް (އާހަނާ ކުމްރާ) އެވެ.
މި ފިލްމަކީ އޯގަން ޑޮނޭޝަން ކަހަލަ ސެންސިޓިވް މައުލޫއަކަށް ކުޅެފައިވާ ޖަޒުބާތުން ފުރިގެންވާ ފިލްމެކެވެ.
ފިލްމު ބެލި މީހުން ލިޔެފައިވާ ފިލްމުގެ ރިވިއުތަކުގައި ބުނެފައިވާ ގޮތުގައި މިއީ ހިތުގެ އެންމެ ހިމަ ނާރާ ވެސް ކުޅެލާ ފަދަ އަސަރުގަދަ ފިލްމެކެވެ. މަންމަ އާއި ދަރިފުޅެއްގެ އޮތް މާތް މުގައްދަސް ގުޅުމާއި، މެޑިކަލް ސައިންސް ކުރިއަރާގޮސްފައިވާ މިންވަރު، އަދި އިއުތެނޭސިއާ ކަހަލަ ކަމެއް މުޖުތަމައުން ބަލައިގެންފައި އޮތް މިންވަރު މި ފިލްމުން ފެންނަ ކަމަށް ރިވިއުތަކުގައި ބުނެފައި ވެއެވެ.
ކާޖޮލް އާއި ވިޝާލްގެ އާދަޔާޚިލާފު މޮޅު އެކްޓިންގެ އިތުރުން ފިލްމު ބެލި މީހުން ދެން ފާހަގަކުރީ ފިލްމުގައި ވެންކީގެ ޑޮކްޓަރުގެ ރޯލު އަދާކުރާ ރަޖީވް ކަންޑެލްވާލްގެ މޮޅު ޕާފޯމަންސެވެ. ރަޖީވް އަކީ މީހުން ހީކުރާ ވަރަށް ވުރެ މާ މޮޅު އެކްޓަރެއްކަން މި ފިލްމުން ސާބިތުކޮށްދީފިކަމަށް ފިލްމު ބެލި އެންމެން ކަހަލަ ގޮތަކަށް އެއްބަސްވެފައި ވެއެވެ.
"ހިތް ފަޅައިގެންދާވަރުގެ އަސަރުގަދަ ވާހަކައެއް. މަންމައަކު އޭނާގެ ދަރިފުޅުގެ އެންމެ ފަހުގެ ވިޝް ފުރިހަމަ ކޮށްދިނުމަށް މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ގެނެސްގެން ކުރާ މަސައްކަތް. މީ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅުކަން އެނގި ހުރެ ޒުވާން ފިރިހެންކުއްޖަކު އޭނާ ބޭނުންވާ ކަންކަން ހާސިލުކުރަން ކުރާ ހިތްވަރު. މިއީ ހަގީގީ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމަކަށް ވީތީ އަދި ވަކިން ބަލާހިތްވި. ރުމާލެއް ނުވަތަ ޓިޝޫ ފޮއްޓެއް ހިފައިގެން ފިލްމު ބަލާތި،" ޝުބަމް ކިޔާ މީހަކު ލިޔެފައިވާ ރިވިއުގައި ބުނެފައި ވެއެވެ.
އެންމެން ވެސް ބުނަނީ މިއީ ކޮންމެހެންވެސް ބަލާލަން މުހިއްމު ފިލްމެއް ކަމަށެވެ. އަދި ކާޖޮލްގެ އެކްޓިން އޭނާގެ އެހެން ފިލްމުތަކަށް ވުރެ ވެސް މާ މޮޅުކަމަށް ފިލްމު ބެލި މީޙުން ބުނެފައި ވެއެވެ.