ފިނިޕޭޖް

އެކޮޅުކޮޅުން އޮވެ އުދުހޭ ދޫންޏެއް

އެކޮޅުކޮޅުން އޮވެ އުދުހޭ ދޫންޏެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.

ޑަޗް ފޮޓޯގްރަފާއެއް ކަމަށްވާ ވިންސެންޓް ކޯނެލިސެން ނެގި މި ފޮޓޯ ސޯޝަލްމީޑިއާ ގިނަ ވެބްސައިތްތަކުގައި މިހާރު ވަނީ ވައިރަލްވެފަ އެވެ. އަދި މި ފޮޓޯގެ ސަބަބުން ވިންސެންޓް ވަރަށް ބޮޑަށް މަޝްހޫރުވެ ގިނަ ބައެއްގެ ތަރުހީބު އޭނާއަށް ލިބުނު ކަމަށް ވިންސެންޓް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ އާދައިގެ މަތިން ދިރޭ އެއްޗެހީގެ ފޮޓޯ ނަގާ އުޅެ އެވެ. އަދި އާދައިގެ މަތިން އެދުވަހުވެސް އޭނަ ދިޔައީ ތިމާވެށީގެ ފޮޓޯތަކެއް ނަގާށެވެ.

"އާންމު ގޮތެއްގައި ތިމާވެށްޓާ ދީރޭ އެއްޗެހީގެ ފޮޓޯ ނަގާ އުޅެން. އެދުވަހުވެސް ދިޔައީ މިފަަދަ ފޮޓޯތަކެއް ނަގަން. އެކަމަކު އެދުވަހު ވަރަށް މޫސުން ސަކަރާތް. ވައި ވަރަށް ގަދަ. އެހެންވެ އަހަރެން މޫސުމަށް އެކަށީގެންވާ ގޮތަށް ކެމެރާ ތައްޔާރުކޮށް ފޮޓޯނަގަން ތައްޔާރުވީ." ވިންސެންޓް ބުންޏެވެ.

ވިންސެންޓް އެދުވަހު ފޮޓޯ ނަގަން ތައްޔާރުވެ ދޫނިތަކެއް އުދުހިފައި ދާ ތަން ފެނުމުން އެމަންޒަރު ފޮޓޯ ނަގަން ތައްޔާރުވި އެވެ. އަދި ދެތިން ފޮޓޯ ނަގާ ދޫނި ތަކާ ދިމާލަށް ބަލާލުމުން ފާހަނގަވީ އެއްދޫނި ވަރަށް ހާލުން އުދުހިފާދާ މަންޒަރެވެ. މިސަބަބާ ގުޅިގެން އޭނާ އެ ދޫނި ވަކިން ފޮޓޯ ނެގުމަށްފަހު، ކެމެރާ އަށް ބަލާލުމުން ފެނުނީ ވަރަށް އާދަޔާ ހިލާފު މަންޒަރެކެވެ.

"ފޮޓޯ ބަލާލި ހިސާބުން އެނގިއްޖެ މިނެގުނީ އާދަޔާ ހިލާފު ފޮޓޯއެއްކަން. އެ ދޫނި އޮތީ އެކޮޅުކޮޅުން. ފުރަތަމަ ހެވުނީ." ވިންސެންޓް ބުންޏެވެ.

ވިންސެންޓް ބުނި ގޮތުގައި ބެލެވެނީ އެދޫންޏަށް ގަދަވައިގެ ސަބަބުން ރަނގަޅަށް ނުއުދުހެވުނީ ކަމަށެވެ.

ވިންސެންޓް ނެގި މި ފޮޓޯ ސޯޝަލްމީޑިއާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ހަބަރުތަކާއި އެކި ޝޯތަކުގައިވެސް ދައްކާލާފައިވެ އެވެ.