އިލެކްޝަންސް ކޮމިޝަން

އަންހެނުން ކޮމެޓީތަކުގެ ބައި-އިލެކްޝަން ފަށައިފި

Aug 7, 2021

އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ތެރެއިން ހަތަރު ދާއިރާއެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ފަށައިފި އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން ހަމަކުރަން މިއަދު ވޯޓުލުން ކުރިއަށް ދަނީ ހދ. ނޮޅިވަރަމް، ނ. ކެނދިކުޅުދޫ، އއ. ފެރިދޫ އަދި ކ. ދިއްފުށީގެ އިތުރުން މާލޭގަ އެވެ.

ނ. މަގޫދޫގައި އިންތިހާބުގެ ތިންވަނަ ބުރުގެ ވޯޓުލުންވެސް މިހާރު ވަނީ ފަށައިފަ އެވެ. އެރަށުގައި ތިންވަނަ ބުރެއް ބާއްވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިިހާބުގެ ބައި އިލެކްޝަންގައި ވާދަކުރި ދެ ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވުމާއި ގުޅިގެން ކަމަށް އީސީއިން ބުނެ އެވެ.

މި ދާއިރާތަކުގައި ވޯޓުލުން ފަށައިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. މެންދުރުފަހު 3:00ގެ ނިޔަލަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.

އީސީ އިން ބުނެފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑިއަކީ މެންދުރުފަހު 2:00 އިން 3:00 އަށް ކަމަށެވެ.

މިއަދު ވޯޓުލުން ކުރިއަށްދާ ދާއިރާތަކުގެ އިތުރުން އަންހެނުންގެ ކޮމެޓީއަށް މެމްބަރުން ހަމަނުވާ އިތުރު ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ މިދިޔަ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ބައެއް ރަށްރަށުގައި އިންތިހާބުކުރަން ޖެހޭ އަދަދަށް ކެނޑިޑޭޓުން ކުރިމަތިލާފައި ނުވާތީ އެވެ.