އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަގުވައްޓާލައި، އެމަނިކުފާނު ނިސްބަތްވާ ޕާޓީއަކާ މެދު ސުވާލު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ މިސަރުކާރުން ރަނގަޅަށް ތަހުގީގު ކުރަމުންދާ ނުދާ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށާއި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި ރައީސް ސޯލިހަކީ އަދާލަތު ޕާޓީގެ މެންބަރަކަށް ވެދާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ވާހަކަދައްކަވާފަ އެވެ.
އެމްޑީޕީގެ އިސް ބޭފުޅުންގެ މިފަދަ ވާހަކަތަކާ ގުޅިގެން ޝަރީފް ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން ރައީސް ސޯލިހުގެ އަބުރު ގެއްލޭ ގޮތަށް ކަންކަން ކުރުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅަކު، ރައީސް ސޯލިހަކީ އަދާލަތު ޕާޓީގެ މެންބަރެއް ކަމަށް ތުހުމަތު ކުރުމަކީ މޮޔަ ކަމެއްގެ އިތުރުން ނުރައްކާތެރި ކަމެއް ކަމަށެވެ.
"ނިޒާމީ ގޮތެއްގައި ރޭވިގެން ހަގާކުރުމާއި އަބުރު ގެއްލުވާލުމަކީ ވަރަށް ރަނގަޅު ގޮތެއް ކަމަށް ދެކިގެން ބައެއް ސިޔާސީ ލީޑަރުން އެމީހުންގެ ވާދަވެރިންނާއި އިދިިކޮޅު މީހުންގެ އަގުވައްޓާލަމުން މިދަނީ،" އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނަށް އަމާޒު ކުރައްވާ ޝަރީފް ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރެއިން ރައީސް ސޯލިހަށް ތާއީދު ކުރައްވާ، ފާޅުގައި ވާހަކަދައްވަމުން ގެންދަވާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަރީފް ވިދާޅުވީ ނަހަމަ ގޮވާލުންތަކާއި ހަގީގަތެއް ނެތް ތުހުމަތަކުން ގައުމުގައި ހުރި ގިނަ މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށެވެ. ކޮވިޑް 19ގެ އުދަގުލުގައި ސަރުކާރުން އަމަލުކުރި ގޮތްތަކަށް ތައުރީފް ކުރައްވަމުން ޝަރީފް ވިދާޅުވީ ލިބިފައި ހުރި މަދު ވަސީލަތްތަކާއެކު ވެސް އާންމު ސިއްހަތާއި އަދި އިގްތިސާދީ ކާރިސާ ރައީސް ސޯލިހުގެ ސަރުކާރުން ރަނގަޅަށް މެނޭޖުކުރި ކަމަށް އެމަނިކުފާނުގެ ވާދަވެރިން ވެސް ގަބޫލުކުރައްވާނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ގަރުނެއްގެ ތެރޭގައިވެސް ރާއްޖެއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ވަގުތަކީ މިއީ ކަމަށްވާތީ ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުމަށް ވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހާއި ރައީސް ނަޝީދަށް ތާއީދު ކުރާ ދެ ފެކްޝަނެއް އުފެދި ދެ ފަރާތުން ބަހުގެ ހަމަލާ ބަދަލުކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. ނަމަވެސް ފާޑުކިޔުންތަކަށް ރައީސް ސޯލިހް މާބޮޑު ސަމާލުކަމެއް ދެއްވާތީއެއް ނުފެނެ އެވެ.